ބޭންކް އޮފް މޯލްޑިވްސް އިން ޑިޖިޓަލް ކަންޓްރީ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރާ މަސައްކަތް ފާހަގަކޮށް މާސްޓާކާޑުން އެކަމުގެ އަގުވަޒަންކޮށްފި އެވެ.

ސިންގަޕޫރުގައި ބޭއްވި 'ޑިޖިޓަލް ފައިނޭންސް ލީޑަރޝިޕް' އިވެންޓެއްގައި މި އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓާކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރު، ސަންދުން ހަޕުގޮޑާއެވެ.

2025 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މާސްޓާކާޑު އަދި ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރެވުނު 'ޑިޖިޓަލް ކަންޓްރީ ޕާޓްނާޝިޕް' އަކީ ރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެކެވެ.

މި ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޒަމާނީކުރުމަށާއި، ރައްކާތެރި، އަދި ހަލުވި ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލްއާއި މާސްޓާކާޑް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

2002 ވަނަ އަހަރު މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ވުމަށް ފަހު، ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި، މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑީވްސް އާއި މާސްޓަރކާޑު ގުޅިގެން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފަ އެވެ. މިގޮތުން، އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ހިމެނެ އެވެ.

މާސްޓާކާޑްގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީއާއި އެއްބާރުލުމުގެ ބޭނުންކޮށްގެން އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެކެވެ.