ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިރޭ ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ.

މަހުލޫފް ޕީއެންސީއަށް ސޮއިކޮށްފައި ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުކޮށްގެން އާޓިފިޝަލް ބީޗަށް ޖަމާކޮށްގެން މިހާރު ބާއްވަމުންދާ ޖަލްސާގަ އެވެ.

މަހުލޫފް ވަނީ ޕީއެންސީއާ ގުޅިވަޑައިގަތްކަމުގެ ލިޔުން އެ ޕާޓީގެ ރައީސް މުހައްމަދު މުއިއްޒާ ހަވާލުކުރައްވާފަ އެވެ.

މަހުލޫފްގެ އިތުރުން ޖުމްހޫރީ ޕާޓީގައި ކުރިން އުޅުއްވި ކުރީގެ ނޫސްވެރިޔާ އިމާދު ހަސަން ލަތީފާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ ރައީސާއި ޑިމޮކްރެޓްސްގެ ބަނބުކެޔޮ ހުސައިން މަނިކު ވެސް ވަނީ މިރޭ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.

މިރޭގެ ޖަލްސާއަށް ރަށްރަށުން މީހުން ގެނައީ ދެކޮޅު ޓިކެޓާއި ހުރުމުގެ އިތުރުން 1000 ރުފިޔާ ދީގެންނެވެ. ވަޒީފާތަކުގައި ތިބި މުވައްޒަފުން ޖަލްސާއަށް ނުގޮސްފިނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކާފައިވެ އެވެ.

އެމްޑީޕީގެ ވެރިކަން ނިމުމާ އެކު މަހުލޫފް ވަނީ އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކާ ދުރުވެފަ އެވެ.