ކުއްލި މައްސަލަ ހުށަހަޅަން ޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށް ވިދާޅުވެ، ފުވައްމުލަކުން ސާފު ފެން ނުލިބުމުގެ ސަބަބުން އެ ރަށުގެ އާންމު ދިރިއުޅުމަށް ދަތިވާތީ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ޕީއެންސީގެ މެމްބަރުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭގޮތުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައެއްގައި ހިމެނޭ ޝަރުތު ކަމަށްވާ، އެ ކުއްލި މައްސަލަ ވާން ޖެހޭނީ ހަގީގަތާ އެއްގޮތަށް ހުށަހެޅޭ މައްސަލައަކަށް ކަމަށެވެ.
ގާތްގަނޑަކަށް 11،000 އެެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކަށް ސާފު ފެން ނުލިބޭ ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަޅަން ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އަދި އެކަމާމެދު ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލަތަކަކީ ހަގީގަތެއްގެ މައްޗަށް ބިނާވާ މައްސަލައަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ ކަމަށެވެ.
ފުވައްމުލަކަށް ދޫކުރާ ފެނަކީ ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުކުރު ދުވަހު ބުނެފައި ވާތީ، މި މައްސަލާގައި ބުނާ ހާލަތަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ، މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ސާދަ ނޮވެމްބަރު 2025ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ނޫސްބަޔާނުގައި، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކިއެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށާއި މި ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް ވަނީ ބަޔާންކޮށްފައި،" ކުއްލި މައްސަލަ ބޭރުކުރި ސަބަބާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފެނުގެ ހިދުމަތް ކެނޑުމުން އެ ސިޓީގެ ރައްޔިތުންނަށް ދަތިވެފައިވާ ކަމަށާއި، ފެނުގެ ހިދުމަތް މެދުކެނޑުމަށް ދިމާވި ސަބަބަކީ ފުވައްމުލަކުގެ ފެން ޕްލާންޓާއި ޑިސްޓްރިބިއުޝަން ނެޓްވޯކު މަރާމާތުކުރުމަށް ކުރަންޖެހޭ ކަންކަން ނުކުރުމުން ކަމަށް މައުލޫމާތު ލިބެމުން އަންނަ ކަމަށެވެ.
ފުވައްމުލަކުގެ އާންމުންނަށް އަލުން ފެން ދޫކުރަން ފަށާފައިވާއިރު އެ ފެން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ބުނި ނަމަވެސް، އެ ފެނަކީ ތަޣައްޔަރުވެފައިވާ ފެނެއް ކަން ލެބޯޓަރީގެ ޓެސްޓަކާ ނުލައި ވެސް، ފެނުގެ ވަހާއި ކުލައިން ހާމަވާ ކަމަށް އެ މައްސަލާގައިވެ އެވެ.
ވުމާއެކު ފުވައްމުލަކުގެ ގިނަ ބައެއްގެ ދިރިއުޅުމަށް ދަތިވާނެ ކަމަށާއި، އެ ސިޓީގައި ގިނަ ފަތުރުވެރިން ތިއްބައި މިފަދަ ކަމެއް ދިމާވުމަކީ އެ ރަށުގެ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި ފުވައްމުލަކަށް ދޫކުރާ ފެން ރައްކާތެރިކަމަށް އެމްއެފްޑީއޭއިން ބުނި ނަމަވެސް، ބައެއް ގޭބިސީތަކަށް ލިބޭ ފެން ސާފުނޫން ކަމަށް ބުނެ، އެ ސިޓީގެ ކައުންސިލުން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ޝަކުވާ ހުށަހަޅައިފައެވެ.
ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުންވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެގޮތުން ފުވައްމުލަކުގެ ފެނުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް އެ ރަށަށް ފެނުގެ ޚިދުމަތްދޭ ފެނަކައިން މީގެ ކުރިން ބުންޏެވެ.
އޭގެ ފަހުން އެ ރަށަށް ފެން ދޫކުރަން ފެށީ ބުރާސްފަތި ދުވަހެވެ. އެ ފެނުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން އުފެދިފައި ވަނިކޮށް އެމްއެފްޑީއޭއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ ބަޔާނުގައި ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ.
އެ ބަޔާން ނެރުނު ފަހުން ވެސް ފެނުގެ މައްސަލަ ކުރިމަތިވެ، އެ ރަށުގެ ބައެއް ރައްޔިތުން ވަނީ، ބިއްލޫރި ތަށިތަކަށް ސަޕްލައި ފެން އަޅައި، ފެން ނުސާފުކަން ހާމަވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ކަޕޫރު އާއިލާގެ ކާ މޭޒު" ދައްކުވައިދޭ ޑޮކިއުމެންޓްރީއެއް!
ސިކުނޑީގެ ބަލިތަކަކީ ވާރުތަވާ ބަލިތަކެއް: ދިރާސާ
ސޮނީއިން "ލަބޫބޫ" ފިލްމެއް ގެނެސްދެނީ!