ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،319 ގޯތީގެ ރަޖިސްްޓަރީ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާތަނަށް 2،319 މީހަކަށް ރަޖިސްޓަރީ ދޫކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 25 މީހަކަށް ޕްލޮޓް ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ ގުޅިފަޅުން 2,438 ގޯތި ދިނުމަށެވެ. އޭގެ ތެރޭގައި، ގިރާވަރު ފަޅުން ގުޅިފަޅަށް ބަދަލުކުރި 1,347 ގޯތި ވެސް ހިމެނެ އެވެ. އެހެންކަމުން، މިހާތަނަށް ރަޖިސްޓަރީ ހަވާލުނުކުރެވި އޮތީ 119 މީހަކާ އެކަންޏެވެ.

މިދިޔަ ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް ކުރިން ދޫކުރި ރަޖިސްޓްރީތައް ބާތިލްކޮށް އާ ރަޖިސްޓްރީތައް ހަވާލުކުރަން ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9،031 ގޯތި މާލޭގެ ރަށްވެހީންނަށް މިދިޔަ ސަރުކާރުން ވަނީ ދޫކޮށްފައެވެ.