މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރިޔަސް އެ ދާއިރާގެ އާދައިގެ މުވައްޒަފުންގެ މުސާރަ ބޮޑުނުވާކަން އެނގިއްޖެ އެވެ.

ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ބަދަލުކުރިއިރު މެޖިސްޓްރޭޓް ކޯޓްތަކުގެ ގިނަ މުވައްޒަފުގެ މުސާރައަށް ބަދަލު އައިސްފައެއް ނުވެ އެވެ. މުސާރަ ބޮޑުވެފައި ވަނީ ޗީފް އެޑްމިނިސްޓްރޭޓަރުގެ މުސާރަ އާއި ޖުޑިޝަރީގެ ވެރިންގެ މުސާރަ އެވެ. އެހެންވުމުން އެކަމާ ކަންބޮޑުވުންފާޅުކުރުމުގެ ގޮތުން މެޖިސްޓްރޭޓް ކޯޓްތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު މަސައްކަތަށް ނުގޮސް ސަލާމުގަ އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ބައެއް މުވައްޒަފުން ބުނީ ލީގަލް އޮފިސަރުންނާއި ޖުޑިޝަރީގެ ގިނަ މުވައްޒަފުންގެ މުސާރަ ބޮޑު ނުވާ ކަމަށެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި ގިނައިން ތިބެނީ އެޑްމިން މުވައްޒަފުންނާއި ކޯޓް އޮފިސަރުންނެވެ. އެއިން އެއްވެސް މުވައްޒަފެއްގެ މުސާރަ ބޮޑެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

"ރައީސް މުއިއްޒު އެހެން ވިދާޅުވީމަ އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. އެކަމަކު މުސާރަ ބޮޑެއް ނުވޭ. ބޮޑުވީ ބޮޑުންގެ މުސާރަ،" ކޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ކިޔައިދިނެެވެ.

މުސާރަ ބޮޑުކޮށް ނުދޭތީ އިހްތިޖާޖުކުރުމުގެ ގޮތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން މިއަދު ކަޅު ހެދުމުގައި ފޮޓޯއަކަށް ހުއްޓިގެން. ---

ބޮޑުންގެ މުސާރަ އެކަނި ބޮޑުވެފައިވާތީ މުވައްޒަފުން އެކި ކޯޓްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ތިބީ ސަލާމުގަ އެވެ. ބައެއް ކޯޓްތަކުގެ މުވައްޒަފުން ވަޒީފާއަށް ނުކުތީ ކަޅުހެދުމުގަ އެވެ.

މި މައްސަލަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިންގެ ސަމާލުކަމަށް ވެސް ގެނެސްފައިވާއިރު އެ ފަރާތުން ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށް ވެސް ވެ އެވެ.

"ނަމަވެސް މިހާތަނަށް އެއްވެސް ކުރިއެރުމެ ލިބިފައި ނުވާ ކަމަށް ޕޭކޮމިޝަނުން އަންގަނީ މުސާރަ ކުޑަނުވާ ކަމަށް އެކަމަކު އަޅުގަނޑުމެން ކުރިން ގެއަށް ހެންދިޔަ މުސާރަ މިހާރު މުސާރަ ބޮޑުކުރުމާއި ގުޅިގެން ގެއަށްގެންދަން ނުލިބޭ ޚާއްސަކޮށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުން ބޮޑުތަނުން ގެއްލުންވާ ކަން. އަދި މުސާރަ އެއްހަމަކުރުމުން ލިބެމުން ދިޔަ މުސާރަ ކުޑަވެފައިވާކަންއަދި މިކަމަކީ ޕޭ ކޮމިޝަނުން ގަބޫލު ކުރާކަމެއް ނޫން ކަމަށް ޖޭޑީއޭ އިން ބުނަނީ،" ކޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކު ބުންޏެވެ.

މިކަމާ ގުޅިގެން ނޭޝަނަލް ޕޭ ކޮމިޝަނުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.