ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރު ފުރުން ފާހަގަކުރަން ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އިން ބޭއްވި ބޮޑު ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް ދައުލަތުގެ ވަސީލަތްތަކާއި ބޮޑެތި އަދަދުތަކުން ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މިއަދު އޭސީސީއަށް ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) އެވެ.
މައްސަލަ ހުށަހެޅުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މާޒް ސަލީމް ވިދާޅުވީ، ޕީއެންސީގެ ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމަށް 50 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް މަޖިލީހުގެ މެންބަރަކު ވަރަށް ސާބިތުކަމާއެކު ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަމަށް "އޯޕަން ބަޖެޓެއް" އޮތް ކަމަށްވެސް އެ މެންބަރު ވިދާޅުވެފައިވާ ކަމަށް މާޒް ސަލީމް ފާހަގަކުރެއްވި އެވެ. މިފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާޒް ސަލީމް ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން ސިޔާސީ ނުފޫޒެއް ނުވަތަ އެހެންވެސް ނާޖާއިޒު ޕްރެޝަރެއްގެ ސަބަބުން މިނިވަން މުއައްސަސާތަކުން މައްސަލަތައް ނުބަލާ ދޫކޮށްލާކަން ފާހަގަކުރެވޭ ކަމަށެވެ.
"މީގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައި ވެއްޖެކަމަށް ވާނަމަ ނުވަތަ މި މައްސަލަ ބައްލަވައި ކަމާބެހޭ ފަރާތަކަށް އެ މައްސަލަ ހުށަހަޅުއްވައި ދެއްވާށޭ،" މާޒް ސަލީމް ވިދާޅުވިއެވެ.
މާޒް ސަލީމް އިތުރަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި، އެހެންވެ މިއަދު މި މައްސަލަ ހުށަހެޅީ ކަމަށެވެ.
މިއަދު އޭސީސީއަށް ހުށަހެޅި މައްސަލައިގައި ޕީއެންސީގެ ޖަލްސާއަށް މީހުން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓްތަކަށް ނުވަތަ ލޯންޗް އަދި އޮޑިދޯނި ފަހަރަށް ކުލީގެ ގޮތުގައި ފައިސާ ދެއްކި ފަރާތްތަކާއި، ގިނަ އަދަދެއްގެ ރައްޔިތުން ގެނެސް އެމީހުންގެ ކޮންމެ މީހަކަށް 1000 ނުވަތަ 2000 ރުފިޔާ ޕޮކެޓްމަނީގެ ގޮތުގައި ދީފައިވާނަމަ އެ ފައިސާ ދެއްކި ފަރާތްތަކާއި، އަދި އެކޮމޮޑޭޝަނަށް ފައިސާ ދައްކާފައިވާ ނަމަ އެ ފައިސާ ދެއްކި ފަރާތްތައް އެ ފައިސާ ހޯދި ގޮތް ތަހުގީގުކުރުމަށް ވަނީ އެދިފަ އެވެ.
މީގެ އިތުރުން، އެ ފައިސާ ދެއްކި ގޮތާއި، އެ ފައިސާ ލިބުނު ގޮތް، ޕާޓީގެ އެކައުންޓަށް ޖަމާކުރެވިފައި އޮތް ފައިސާ ކަމުގައި ވިޔަސް ނުވަތަ އެ ފައިސާ ލިބުނު ގޮތްވެސް ބަލައި ތަހުގީގުކޮށް ދިނުމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ދިމާކޮށް އާޓިފިޝަލް ބީޗުގައި ޕީއެންސީ ބޭއްވި ޖަލްސާ އަކީ މިފަހުގެ ތާރީހެއްގައި އެންމެ ގިނަ މީހުން ބައިވެރިވި ޖަލްސާއެވެ. އެޖަލްސާގައި 13000 މީހުން ބައިވެރިވި ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ރަހީނުކޮށް އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި