އިތުރު ފަސް ރަށެއްގައި ހަލާލު ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

މިފަހަރު އިއުލާން ކުރި ރަށް ތަކަކި ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާފިނޮޅާއި ހދ. މަކުނުދޫ ފަރު 1 އާއި ރ. ފުރިފަރުގެ އިތުރުން ލ. ފޮނަގާދޫ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ރަށްތަކުގައި ހަލާލު ޓޫރިޒަމަށް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންތަކެއް އަންނަ މަހުގެ 9 އާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވެ އެވެ.

އެ މައުލޫމާތު ސެޝަނުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ މައުލޫމާތުތައް، އެ ސެޝަން ބޭއްވުމުގެ އެއް ދުވަސް ކުރިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އަންގަން ޖެހެ އެވެ.

ހަލާލު ޓޫރިޒަމް 31 ރަށެއްގައި ތަރައްގީކުރުމަށް ހުޅުވައިލަން ސަރުކާރުން ވަނީ ނިންމާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ރަށްތައް ވަނީ ކުރިން ބީލަމަށް ހުޅުވާލައިފަ އެވެ.