ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންގެ މައްސަލަ ބަލަނީ، ވަކި ފަނޑިޔާރެއް، ވަކި ކޯޓަކަށް ނިސްބަތްވީތީ، ތަފާތުކޮށްގެން ނޫން ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފި އެވެ.
ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަމުން އަންނަ މި ދަނޑިވަޅުގައި ފަނޑިޔާތުގެ މެދުގައި ހިންގާ ތަހުގީގުތަކުގައި ތަފާތުކުރަމުން އަންނަ ކަމަށް ބުނެ ޖޭއެސްސީ އަށް އަންނަނީ ގިނަ ބައެއް ގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
އެ ކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ މިއީ ކޯޓުތައް ކޮންޓްރޯލްކުރަން، ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ފާޑުކިޔުންތަކަށް ރައްދު ދެމުން މިރޭ ޖޭއެސްސީން ނެރުނު ބަޔާނުގައިވަނީ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް ޢަމަލުކުރަން ނޫން ކަމަށެވެ.
އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށްވީ ނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"އެކަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ކަށަވަރުކޮށްދެއެވެ. އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާއެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަ ފަނޑިޔާރުންނަށެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތައެވެ،"
ޖޭއެސްސީން ބުނީ އެ އުސޫލުން މައްސަލަ ބަލަން ނިންމުމުން، މި އަހަރުގެ މިހާތަނަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ނިންމީ ހަ ފަނޑިޔާރުންނަށް ކަމަށާއި، އެއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާނަމަ މަދު އަދަދެއް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ކޮމިޝަނުން ސަމާލުކަން ދެނީ ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހުގީގުކުރަން ނޫން ކަމަށާއި ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށެވެ.
އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށް ވަނީ ބުނެފައެވެ.
"ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ މި ކޮމިޝަންގެ ޒިންމާ އާއި މަސްއޫލިއްޔަތުކަމަށް ވާއިރު، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގާ، އަވަސްކަމާއެކު އިންސާފު ފޯރުކޮށްދޭ ފަރާތްތަކަކަށް ޝަރުޢީ ކޯޓުތަކުގައި މަސައްކަތްކުރައްވާ އެންމެހައި ފަނޑިޔާރުން ވާންޖެހެއެވެ،" ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ އަދުލުވެރި ބަޔަކަށް ހެދުމަށް ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އަދި އެ ކަމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާ ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ ކޮމިޝަނުން ދުވަހުން ދުވަހަށް ކަށަވަރުކުރަމުންދާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުން ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ.
ޖަލްސާއަށް ދައުލަތުގެ ވަސީލަތް ބޭނުންކުރި މައްސަލަ އޭސީސީއަށް
ސަރުކާރުން ބޭނުންވާ ބަޔަކު ލާން ފަނޑިޔާރަކު ވަކިކުރަނީ