މި މަހުން ފެށިގެން ޕޭ ހާމަނައިޒްކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަށް ގެނެސްފައިވާ ބަދަލުތަކާ އެކު އެންމެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް ބޮޑުކުރި މުސާރަ ލިބެން ފަށާނީ އަންނަ ޑިސެމްބަރު މަހު ލިބޭ މުސާރައާ އެކު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕޭ ހާމަނައިޒް ކުރުމާ އެކު ވެސް މުސާރަ ބޮޑު ނުވާތީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ކަޅު ހެދުމުގައި މިއަދު އޮފީހަށް ނުކުމެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ހާޒިރީ އަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އިނާޔަތްތައް ހިސާބު ކުރަނީ މިދިޔަ މަހުގެ 16 އިން މި ހިނގާ ނޮވެމްބަރު މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. އެހެންވެ، މިހާރު މުސާރަ އަށް ގެނެސްފައިވާ ބަދަލުތަކުގެ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި ފެންނާނީ ޑިސެމްބަރު މަސް ނިމޭއިރު ލިބޭ މުސާރަ އިން ކަމަށް މިނިސްޓްރީން ބުންޏެެވެ.
މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުންދާ، ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 އާ ހަމައަށް އޮންނަ އުސޫލަކީ ސިވިލް ސާވިސްގެ ގަވާއިދާއެއްގޮތަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެކެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މުސާރަ ހިސާބު ކުރުމުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، މި ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބު ކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި އިނާޔަތްތައް ހިމަނައިގެންނެވެ. އަދި ނޮވެމްބަރު 1 އިން ފެށިގެން ލިބޭ އިނާޔަތްތައް ހިސާބުކުރާނީ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ކަމަށް ވާތީ، ނޮވެމްބަރު މަހުގެ މުސާރަ ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އިނާޔަތްތަކުގެ އެއް ބައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އާ ފްރޭމްވޯކަށް ބަދަލުވުމާ ގުޅިގެން އެެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުޑަވާ ބައި ހަމަޖެއްސުމަށް ޕޭކޮމިޝަނުން ވަނީ "މައިގްރޭޝަން އެލަަވަންސް ދޭނެ ގޮތުގެ މިންގަނޑު" ތައާރަފު ކޮށްފައި ކަމަށެވެ. އެހެންވެ، އެ މުވައްޒަފުންނަށް މައިގްރޭޝަން އެލަވަންސް ވެސް ހަމަޖެހޭނެ ކަމަށް ބުންޏެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އެއީ ވަރަށް މަދު މުވައްޒަފުންތަކެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕޭ ފްރޭމްވޯކްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރު ގަޑީގެ ފައިސާ ދެވޭ ގޮތަށް އޮތް ނިޒާމު ބަދަލުކުރުމަށް ކަމަށާއި އެއީ މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމުގެ ސަގާފަތެއް އާލާކުރަން ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
އެ ބަދަލަކީ މުވައްްޒަފުންނަށް އާމްދަނީގެ ކުރިން ލިބޭ ގޮތަށް ވޯކް ލައިފް ބެލެންސެއް ގެނެސްދިނުމާ އެކު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން މަގުފަހިކުރުމަށް ގެނައި ބަދަލެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެެ.
ފިނޭންސް މިނިސްޓްރީން މުސާރަ އަށް އަންނާނެ ބަދަލުތަކުގެ ތަފްސީލު ދީފައި މިވަނީ މުސާރަ ބޮޑުނުވާ ކަމުގެ ޝަކުވާ މުވައްޒަފުން ކުރަމުންދަނިކޮށެވެ. އެކަމާ ނުރުހުން ފާޅުކުރުމަށް އިހުތިޖާޖުކުރުމުގެ ގޮތުން ޖުޑީޝަރީގައި މަސައްްކަތްކުރާ އެހެން ރަށްރަތަކަށް ނިސްބަތްވާ މުވައްޒަފުން ވެސް ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ދަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ މިލިއަނާ ގާތަށް
ސަލްމާންއާއި ޝާހްރުކް ޚާން މިއުޅެނީ ކޮން ތަނެއްގައި؟
އެމްއޭސީއެލްގެ ބޯޑަށް ކުރީގެ މެންބަރު ޖަމީލް އުސްމާން