ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ޝަރުއީ ދާއިރާގެ މުވައްޒަފުންނަށްދޭ މުސާރައިގެ އާ އޮނިގަނޑުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، އެ ދާއިރާގެ 600އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު, ކަމާ ގުޅުންހުރި އިދާރާތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި 609އަށް ވުރެ ގިނަ މުވައްޒަފުންގެ ސޮޔާއެކު، ޝަރުއީ ދާއިރާގެ މުވައްޒަފުން ވަނީ ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޕެޓިޝަން ހުށަހަޅައިފަ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުން ބުނީ، މުސާރައިގެ އާ އޮނިގަނޑަށް މުވައްޒަފުން ގެންދިއުމުގައި ޝަރުތުތަކަށް ރިއާޔަތްކުރުމެއްނެތި ދަށް ރޭންކުތަކަށް މުވައްޒަފުން ބަދަލުކޮށް، ގިނަ އަހަރުތަކެއް ވަންދެން އެ ދާއިރާއަށް ހިދުމަތްކުރި މުވައްޒަފުންނަށް ދެމުން ދިޔަ އިނާޔަތްތައް ކަނޑާލުމުން މުވައްޒަފުން ތިބީ މާޔޫސްވެފައި ކަމަށެވެ.
މުވައްޒަފުން ބުނީ ދައުލަތުގެ ބައެއް އިދާރާތަކުން މުވައްޒަފުން ހާސިލްކޮށްފައިވާ ސެޓްފިކެޓަށް ބަލައި، މަތީ ރޭންކުތަކަށް މުވައްޒަފުންނަށް ކުރިއެރުން ދެމުން އައި ނަމަވެސް، ޝަރުއީ ދާއިރާގައި އެފަދަ ފުރުސަތުތައް ފަހިވެފައި ނެތް ކަމަށެވެ.
ހަމަ އެއާއެކު މުސާރައިގެ ކުރިއެރުން ދިނުމުގައި ހުރިހާ މަގާމުތަކަށް އެއްހަމައަކުން މުސާރައިގެ ކުރިއެރުން ދީފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.
އިތުރަށް އެ މުވައްޒަފުން ބުނީ، ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރަސްމީ ވަގުތު އެހެން މަސައްކަތްކުރިން މަނާވާ، އަދި ނުރަސްމީ ވަގުތު މަސައްކަތުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ކުރުން މަނާވާ ބައެއް ކަމަށެވެ. އަދި ބައެއް މުވައްޒަފުންނަކީ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ އިތުރުން އެހެން މަސްއޫލިއްޔަތުތައް ވެސް އަދާކުރާ ބަޔަކަށްވާއިރު، އެކަމަށް އާ ޕޭ ފްރޭމްވޯކްގައި ރިއާޔަތްނުކުރާ ކަމަށް އެ މުވައްޒަފުން ބުންޏެވެ.
ޕެޓިޝަނުގައި އެ މުވައްޒަފުން އިތުރަށް ބުނީ، ޝަރީއަތްތަކާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތް ކުރުމަށް ވަގުތު ބޭނުންވާއިރު އެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ވަގުތުވެސް ކުޑަ ކަމަށެވެ.
ޖުމްލަ ގޮތެއްގައި، ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި ކޯޓު އޮފިސަރުންގެ މުސާރަ ހާމަނައިޒްވެގްން އައިއިރު، މާބޮޑު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށްވެސް މުވައްޒަފުން ބުންޏެވެ.
ފެމިލީ ކޯޓާއި، ސިވިލް ކޯޓާއި، ޖުވެނައިލް ކޯޓާ،އި ޑުރަގު ކޯޓާއި، ކްރިމިނަލް ކޯޓުގެ މުވައްޒަފުން ވެސް އިއްޔެ އޮފީސްތަކަށް ދިޔައީ ކަޅު ހެދުމުގައެވެ. މުސާރައިގެ އޮނިގަނޑަށް ބަދަލު އައި ގިނަ މުވައްޒަފުންތަކެއް މިގޮތަށް ހެދުން އަޅައިގެން އޮފީހަށް ދިޔައީ އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.
ގޮތުގައި އަތޮޅުތެރޭގެ ބައެއް މެޖިސްޓްރޭޓު ކޯޓުތަކުގެ މުވައްޒަފުން ވެސް ދަނީ މުސާރައަށް އައި މި ބަދަލާ ގުޅިގެން އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން، އިއްޔެ މަރަދޫފޭދޫ މެޖިސްޓްރޭޓު ކޯޓާއި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ވެސް ކަޅު ހެދުން ލައިގެން ޑިއުޓީއަށް ގޮސްފައިވާ ކަމަށް އެނގިފައިވެއެވެ.
މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 1.7 ބިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ބޮޑުކުރި ފުލް މުސާރަ ލިބެން ފަށާނީ ޑިސެމްބަރު މަސް ނިމޭއިރު
އިންސާނާގެ ސިކުނޑި އެންމެ ހުށިޔާރުވާ އުމުރަކީ މިއީ!
މިލަންދޫ ފަރަށް ބޯޓެއް އެރުމުން 12 މިލިއަންގެ ޖޫރިމަނާއެއް