މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް މަޖިލިސް ބޭނުން ކޮށްގެން މި ސަރުކާރުން ގާނޫނުއަސާސީއަށް ދެކޮޅު ނުޖެހޭ ދެ އިސްލާހެއް ގެނެސްފައިވާ ކަމަށާއި، އެފަދަ ކަންކަން ހިނގިޔަނުދިނުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއް ކަމަށް، ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ ފުރަތަމަ އިސްލާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20ގައެވެ. އެއީ މެންބަރުން ޕާޓީން ވަކިވުމުންނާއި، ވަކިކުރުމުން ވެސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށެވެ.އެ އިސްލާހާ އެކު މެންބަރުން 'ތަޅުއެޅުވުނީ' ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ.އޭގެ ފަހުން، މި މަހު 16 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ވަނީ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ކަމަށް ކަނޑައަޅަން އިސްލާހެއް ހުށަހަޅާފަ އެވެ.

ނަމަވެސް، ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ޕީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ ގޮތަށް އޮތްބައި އުނިކުރަން ހުށަހަޅުއްވާފަ އެވެ. އެހެންވެ، އިސްލާހު އުނިކޮށް، ބިލު ވަނީ ފާސްކޮށްފަ އެވެ.އޭގެ އިތުރުން އަންގާރަ ދުވަހުގެ މަޖިލީހުން ވަނީ، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފަ އެވެ.

އެ އިސްލާހު ކޮމިޓީން ފާސްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވޯޓު ހިމެނޭހެން 75 މެންބަރުންގެ ވޯޓުންނެވެ.

މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަށް އިޝާރާތް ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ، މިއަދު ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ދެކޮޅު ނުޖެހޭ ގޮތަށް ގެނައި ދެވަނަ އިސްލާހު ކަމަށެވެ.އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލެއް ގެންނައިރު، އެ ބަދަލެއްގެ ސަބަބުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައި ހުރި ދެންހުރި ކަންކަމަށް އަންނާނޭ ލޮޅުންތަކަށް ވިސްނަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ދެކޮޅުނުޖެއްސޭ ގޮތަށް ދެ ފަހަރަކު ގާނޫނުއަސާސީ އިސްލާހުކޮށްފައިވާ ކަމަށް ވިދާޅުވެ،

އިބުރާ ފާހަގަކުރެއްވީ އެފަދަ ކަންކަން ހުއްޓުވުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއް ކަމަށެވެ. "ބަންޑާރަނައިބަކީ ގާނޫނީ ގޮތުން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ މީހަކަށް ވުން ލާޒިމުކޮށްފައި އޮންނަނީ އެހެންވެގެންނެވެ." ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރައްދުވާ ގޮތަށް އިބުރާ ވިދާޅުވި އެވެ.

ޕާޓީން ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އުވާލުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ތައްޔާރުވަމުން ދަނިކޮށް، ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ.

އޭގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު، އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަނީ، މަޖިލީހުގެ ވޯޓަކުން ވަކިކޮށްފަ އެވެ.އެ ތިން ބޭފުޅުން ސަސްޕެންޑު ކުރުމުން، އެއީ ސުޕްރީމް ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ އިބުރާ ހައިކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވި އެވެ.