ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މި ވިއްސާރައިގައި މިއަދު މެންދުރުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި މާލޭގެ ގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ފެން ބޮޑުވެ ހިނގާބިގާވެ އުޅެން ދަތިވުމުން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު އިން ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ ހަތް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ވަނީ ޅ. އަތޮޅުން ފެށިގެން އދ. ހިމެނޭ ސަރަހައްދަށް ރީނދޫ ސަމާލު ވެސް ނެރެފަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އަދި ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ރާއްޖެއަށް މޫސުން ގޯސްވެފައި ވާތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކުރެ އެވެ.