ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީއަކުންނެވެ.

ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ގާޒީ ފާއިޒްގެ ސުލޫކީ މައްސަލައެއް ތަހުގީގުކޮށްފައިވަނީ، ސ. ހިތަދޫ ކޯޒީކޯނާ އަލީ އަންވަރު މުޙައްމަދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ތަހުގީގުކުރި ކޮމިޓީއަށް ސާބިތުވެފައިވާ ގޮތުގައި، ގާޒީ ފާއިޒް ތުހުމަތުކުރެވުނުފަދަ އަމަލެއް ކުރައްވާފައިވެ އެވެ. މި އަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ ޝަރީއަތާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1.1، 2.1.1 އަދި 3.1.1 ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ފާހަގަކުރެ އެވެ.

އަލީ އަންވަރުގެ އިތުރުން އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ގާޒީ ފާއިޒް އަމަރުކުރި މައްސަލަ ވެސް ޖޭއެސްސީއަށް އޮތީ ހުށަހަޅާފަ އެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލްނޫން ކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ.