ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ކަނޑައަޅާފައިވާ 175،000ރ. ގެ ފައިސާގެ އިނާޔަތާއި އެހެނިހެން ބައެއް އިނާޔަތްތައް ކަނޑާލަން ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ބިލް މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އެވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެ އެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި، ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށް ބަޔާން ކުރާ އިސްލާހެއް ހިމެނެ އެވެ. އަދި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މާލީ އިނާޔަތް ދޭންނުޖެހޭ އިސްލާހެއް ވެސް ބިލުގައި ހިމެނެ އެވެ.

އެ އިސްލާހުގައި ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު 30،000ރ. ދިނުމަށް ކަނޑައަޅާފަ އެވެ. އަދި ނައިބު ރައީސުންނަށް ވެސް ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އިސްލާހުގައި ހިމަނާފައި ވެ އެވެ.

އެ ބަދަލުތަކުގެ ސަބަބުން އަހަރަކު، 10.5 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްވާނެ ކަމަށް އެ ބިލު މަޖިލީހަށް ހުށަހެޅި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވެ އެވެ. އެކަމަކު، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ފެށުމުން އެކަމަށް 300،000 ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ނައިބު ރައީސުންގެ ބޭސް ފަރުވާގެ ހަރަދަށް 700،000 ހަރަދުވާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.

ކުރީގެ ރައީސުންނަށް ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސެޕްޓެންބަރު 10 ގައެވެ. އެ މަނިކުފާނު އެ ދުވަހު ވަނީ ކުރީގެ މަޖިލީސް މެންބަރުންނަށް ދެމުން އަންނަ ބައެއް އިނާޔަތްތައް ކަނޑާލަން ވެސް ނިންމި ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދޭން ފެށީ 2009 ވަނަ އަހަރުން ފެށިގެންނެވެ.