ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ހުސައިން ސަނީ އުމަރު މޫނު ނިވާކޮށްގެން ފިލައިގެން ރާއްޖެއިން ފުރަން ދާން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓައި ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ފުރަން ގޮސް ހުރީ މޫނު ފޮރުވޭ ގޮތަށް މާސްކަކާއި ތޮތްޕެއް ވެސް އަޅައިގެންނެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރީ އެއާޕޯޓްގައި ތިބި މަންޒަރު ފެނުނު މީހުންނެވެ.

ސަނީ އުމަރު މިއަދު ރާއްޖެ އައުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ވެހިކަލެއްގައި އޭނާ ވަނީ ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އަށް ހާޒިރުކޮށްފަ އެވެ. އެތަނަށް ހާޒިރުކޮށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ދޫކޮށްލުމާއެކު ފިލައިގެން ރާއްޖެ ދޫކޮށްދިޔުމަށް އޭނާ މަސައްކަތް ކުރީ އެވެ.

ސަނީ އުމަރުގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކުދިންގެ އާއިލާ އިން ފުރަތަމަ އުޅުނީ މައްސަލަ ފުލުހުންނަށް ހުށަނޭޅުމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެ އަޑު ގަދަވެ ސަނީ އުމަރަށް ގާނޫނީ ފިޔަވަޅު އަޅަން ގޮވާލަން ފެށުމުން ފުލުހުންނަށް މައްސަލަ ހުށަހަޅަން އާއިލާއަށް މަޖުބޫރުވި އެވެ.

ފުލުހުން ބުނީ އާއިލާއިން މިހާރު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.