ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައި އޮތް، އެއްވެސް ފައިދާއެއް ނުވާކަމަށް ގިނަބަޔަކު ބުނަމުން އަންނަ ސަރުކާރު ކުންފުނި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ މި އަހަރުގެ ބޯނަސްގެ ގޮތުގައި 18،600ރ. ދިނުމަށް ކަނޑައަޅައިފި އެވެ.
އެޗްޑީސީ އަކީ އެމްޑީޕީ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް ގިނަ އަދަދެއްގެ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުންޏެކެވެ. އަދި އެއްވެސް ފައިދާއެއް ނެތި ސީދާ ގެއްލުމުގައި ހިންގާ ކަމަށް ބުނަމުން އަންނަ ކުންފުންޏެވެ.
އެހެން ނަމަވެސް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 18،600 ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ.
އެނގިފައިވާ ގޮތުގައި އެޗްޑީސީގެ މުވައްޒަފުންނަށް އެ އަދަދަށް ބޯނަސްދޭން ނިންމާފައި ވަނީ އެ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކުގަ އެވެ.
އެޗްޑީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، އަހަރީ ބޯނަސް ދޫކުރަނީ މި އަހަރުގެ ތެރޭގައި އެ މުވައްޒަފަކު ހިދުމަތްކުރި މުއްދަތަކަށް ރިއާޔަތްކޮށްފަ އެވެ. އެހެންވެ، 18،600ރ. އަކީ އެންމެ ގިނައިން ލިބޭނެ މުވައްޒަފުންނަށް ޖެހޭނެ އަދަދެވެ. އެއީ ނިމިގެން ދިޔަ 2024 ވަނަ އަހަރު ދިން އަދަދަށް ވުރެ 8،600 ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެޗްޑީސީގެ މުވައްޒަފުންގެ އަހަރީ ބޯނަސްގެ ގޮތުގައި ދީފައި ވަނީ 10،000ރ. އެވެ.
ދައުލަތުގެ ކުންފުނިތަކުން އެ ކުންފުންޏެއްގެ މާލީ ހާލަތަށް ރިއާޔަތްކޮށް ކޮންމެ އަހަރަކު ވެސް އަހަރީ ބޯސް އާންމުކޮށް ދޫކުރެ އެވެ.
އެހެން ނަމަވެސް ދައުލަތުގެ ގިނަ ކުންފުނިތައް މި ސަރުކާރު އައިފަހުން ހިންގަމުން ގެންދަނީ އެއްވެސް ފައިދާއެއް ނުލިބި ގެއްލުމުގަ އެވެ.
އެގޮތުން ސަރުކާރު ހިއްސާވާ 12 ކުންފުންޏަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުފިޔާގެ ގެއްލުންވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ.
އައިއެސްޑީބީން ރާއްޖެ އަށް 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް
މެނޭޖްމަންޓް މަގާމުތަކަށް އަންހެނުން ބޭނުންވާ ސަބަބު!
ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް 25 އިންޓާނުން ހޮވައިފި