ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ދާއިރާތަކުގެ އިންތިހާބުގައި 455 މަގާމަށް މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ. އެގޮތުން ދާއިރާ ތަކަށާއި ޕްރޮވިންސް އަދި ސިޓީތަކަށް މީހުން އިންތިހާބުކުރާނެ ކަމަށް އިންތި ވިދާޅުވި އެވެ.

"ދާއިރާތަކުގެ ރައީސުން މި އިންތިހާބުގައި ހޮވޭނެ، އަދި ދާއިރާތަކުގެ ނައިބު ރައީސުން ހޮވާނެ، ސެކްރެޓަރީންނާއި ސެކްރެޓަރީންގެ ނައިބުން އަދި މީޑިއާ ސެކްރެޓަރީންް ވެސް ހޮވާނެ، ޕްރޮވިންސްތަކަށް ވެސް ރައީސުން އަދި ނައިބު ރައީސުން ހޮވާނެ،" އޭނާ ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އިންތިހާބުގެ ވޯޓުލުން މެއި 29 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ ކަމަށާއި ވޯޓުލާނީ އެ ދުވަހުގެ ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ކަމަށެވެ.

އިންތިހާބުގައި ވޯޓުލެވޭނީ އިލެކްޝަންސް ކޮމިޝަން (އީސީ) ދަފްތަރަށް ނޫން ކަމަށައި ޕާޓީ އިން ބަލަހައްޓާ ދަފްތަރަށެވެ. އެގޮތުން 18 އޭޕްރީލްގެ ކުރިން އެމްޑީޕީގެ ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ވޯޓުގައި ބައިވެރިވެވޭނެ ކަމަށާއި މިއަދުން ފެށިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ،

އިންތިހާބުގައި ދާއިރާ ރައީސަށް ކުރިމަތިލާ ފަރާތްތަކުން އެ ދާއިރާއެއްގެ އެމްޑީޕީ މެންބަރުންގެ ތެރެއިން އެ ކެންޑިޑޭޓަކަށް ތާއީދުކުރާ 50 މެންބަރުންގެ ސޮއި ހުށަހަޅަން ޖެހޭއިރު ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނަށް ކުރިމަތިލާ ފަރާތްތަކުން 200 ސޮއި ހުށަހަޅަން ޖެހޭނެ ކަމަށް އިންތި ވިދާޅުވި އެވެ.