ރިސޯޓުތަކެކޭ އެއްގޮތަށް "ޓޫރިސްޓުންނަށް ދޭ ހިދުމަތްތައް، ވިއްކާ ތަކެތި" މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްގެ ހޮޓާތަކުން ވިއްކުން މަނާކޮށްފައި އޮންނަ އޮތުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި މައްސަލަ ހޫނުވުމުން އެމަނިކުފާނު ރައްދުދެއްވައިފި އެވެ.

މާފުށީގެ ޓޫރިޒަމް ބްރޭންޑް "ހާޓް އޮފް މޯލްޑިވްސް" އިފުތިތާހު ކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުގައި އެ ތަކެތި ނުވިއްކޭ މައްސަލައަަކީ އެ "ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ" ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

ތޯރިގުގެ ވާހަކަތަކާ ގުޅިގެން ނަޝީދު އެކްސްގައި ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރަލާއި އޫރުމަސް ހުއްދަ ކުރަން ނުޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި ތަކެއްޗަކީ ބަނގުރަލާއި އޫރުމަސް ނޫން ކަމަށާއި އެ ރަށްރަށުގައި ބަނގުރާ ހުއްދަ ކުރަން ނުޖެހޭ ކަމަށެވެ.

"ދައްކާ ވާހަކަ، ސާފު ސީދާ މަށްދިވެހި ބަހުން ދައްކާއިރު ވެސް ކަނޑައެޅިގެން އިދިފުށަށް، ދޮގު މާނަ އާއި ތަރުޖަމާ އިޔާދަކޮށްގެން މީހުންނަށް ގެއްލުންދޭން އުޅޭ ކަމީ ކަންބޮޑުވުން ހުރި ކަމެއް، ނުރައްކާތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ހުއްދަ އެކަމަކު މީހުން ދިރިއުޅޭ ރަށްރަށުގެ ބޮޑެތި ހޮޓާތަކުގައި މަނާތަކެއްޗަކީ ކޮބައިކަމެއް ނަޝީދު ވިދާޅެއްނުވެ އެވެ.