މި ސަރުކާރުން ބައެއް މުހިންމު މަގާމުތަކަށް، ސިފައިންގެއިންނާއި ފުލުހުންގެ ތެރެއިން ރިޓަޔާކޮށްފައިވާ ބޭފުޅުން އައްޔަންކޮށްފައިވާއިރު، އެގޮތަށް ރިޓަޔާކުރާ ފަހުން މަގާމުތަކަށް އައްޔަންކުރާ ފުލުހުންނަށް ވަޒީފާގެ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ކަނޑާލަން ގަވައިދު އިސްލާހުކޮށްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކުރި، ފުލުހުންގެ ރިޓަޔާމެންޓް ގަވައިދަށް ގެންނަ އިސްލާހުގައި ވަނީ، ރިޓަޔާ ކުރާ ފުލުހުންނަށް ދޭ އިނާޔަތް ލިބޭ މީހަކު ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންކޮށްފި ނަމަ އެ މަގާމުގައިނުވަތަ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ރިޓަޔާމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑާލަންވާނެ ކަމަށެވެ.

އެ އިނާޔަތް މެދުކަނޑާލުމަށްފަހު ރިޓަޔާމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ދޭނީ ރިޓަޔާވުމަށްފަހު އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން، ރިޓަޔާވެފައިވާ ފުލުހަކު އިންތިހާބީ މަގާމަކަށް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއަކާ ހަވާލުވުމަށްފަހު، އެ ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ ރިޓަޔާމެންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ފުލުހުންގެ ރިޓަޔާމެންޓް އިނާޔަތް ނުވަތަ އައު ވަޒީފާއިން ލިބޭ އިނާޔަތް އިޚުތިޔާރު ކުރަން ވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ އެވެ.

ރިޓަޔާވާ ފަހުން މަގާމުތަކަށް އައްޔަންކުރާ ފުލުހުންގެ އެލަވަންސް މެދުކަނޑާލަން އިސްލާހެއް ގެނެސްފައިވާއިރު، މި ސަރުކާރުން ވަނީ ގިނަ މަގާމުތަކަކަށް ރިޓަޔާޑް ބޭފުޅުން އައްޔަން ކޮށްފަ އެވެ. އެގޮތުން މިހާރު ވެސް ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގައި ވެސް އެފަދަ ބޭފުޅުން އިސްކޮށް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭގެ ތެރޭގައި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއާއި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ ރިޓަޔާޑް މުހައްމަދު ރިޝްވާން ހިމެނެއެވެ. އަދި އެމްއެންޑީއެފުން ރިޓަޔާކުރެއްވި ފަހުން އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރާއި މިފްކޯގެ ސިއީއޯ ފަރުހަތު ޝަރީރާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ހިމެނެ އެވެ.