އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވޯޓުލި ކަމަށާއި، މިއީ ސީދާ ޕްރައިމަރީއެއްގެ ރެކޯޑު ކަމަށް، އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފަށައި، ހަވީރު ހަތަރެއް ޖަހަންދެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ވެސް ބައެއް ދާއިރާތަކުގެ މީހުން ކިޔޫގައި ތިބުމުން އެ މީހުންނަށް ވެސް ފުރުސަތު ދީފައިވެ އެވެ.

ޕްރައިމަރީއާ ގުޅޭ ގޮތުން ފަލާހު ވިދާޅުވީ ޕްރައިމަރީ ފެށިގެން ނިމުމާ ހަމައަށް ދިޔައީ ވަރަށް އަމާންކޮށް ކަމަށާއި 11،300 އަށް ވުރެ ގިނަ މީހުން ވޯޓުލައިފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލީ ކަމަށް ފަލާހު ވިދާޅުވި އެވެ. ނަމަވެސް ރަށްރަށުގެ ފޮށިތައް މާލޭގައި ނުބެހެއްޓުމުން ބައެއް މެންބަރުންނަށް ޕްރައިމަރީގައި ވޯޓު ނުލެވުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަލާހު ވިދާޅުވީ، ޖުމުލަ ގޮތެއްގައި ޕްރައިމަރީގެ އިންތިޒާމުތައް ރަނގަޅު ކަމަށާއި، ޕާޓީގެ އެތެރެ އޮތީ ބަދަހިކޮށް ކަމަށެވެ.

ޕީއެންސީން ނެރުނު ލިސްޓުން ދައްކާ ގޮތުގައި، 308 ކެންޑިޑޭޓުންގެ ތެރެއިން 183 ކެންޑިޑޭޓުން ވާދަކުރަނީ ކައުންސިލަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީތަކަށް 121 މީހަކު ވާދަކުރެ އެވެ. އޭގެ ތެރޭގައި މޭޔަރު ކަމަށް ޕްރައިމަރީ ބާއްވަން އޮތީ ހަމައެކަނި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށެވެ. ނަމަވެސް ޕީއެންސީން މަޖުބޫރުކޮށްގެން ގަދަބާރުން ޑރ. އަހުމަދު އަދީލް ނަސީރު ލައްވާ ވަނީ ނަން ނަގުވާފަ އެވެ. އެހެންވެ ޕްރައިމަރީ ނުބާއްވައި މުޝްރިފް އަލީ އަށް ވަނީ ޓިކެޓް ލިބިފަ އެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު 68،665 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާއިރު، އެއީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއެވެ. ފަލާޙު މިއަދު ވިދާޅުވި ގޮތުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 73،000 އަށް މިހާރު އަރާނެ އެވެ. ނަމަވެސް ޕްރައިމަރީގައި ވޯޓު ލީ މީހުންގެ އަދަދު މަދެވެ.

ދެވަނައަށް އެންމެ ބޮޑު ޕާޓީ، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީގައި 154 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބުނެފައެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 16ގައެވެ.