ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލް ވޮލެޓް ސްވައިޕް ބީޓާ ޓެސްޓިންގ މަރުހަލާ ފަށައިފި އެވެ.
ސްވައިޕްގެ ބީޓާ މަރުހަލާގައި ބޭންކުން ވަނީ ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް ބައިވެރިކޮށްފަ އެވެ. މިއީ ސްވައިޕްގެ ހިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ މުހިންމު ޓެސްޓިން މަރުހަލާއެކެވެ.
މީގެ އިތުރުން ޖަނަވަރީ 2026 އިން ފެށިގެން، ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން ބޭންކުން ފަށާނެ އެވެ. މީގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި، ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލައި، ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތްވެސް ފެށިގެންދާނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން މިހާރު މިދަނީ ސްވައިޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން ކަމަށެވެ.
" އޮކްޓޯބަރު މަހު ކާމިޔާބުކަމާއެކު މި ޚިދުމަތް ތައާރަފުކުރުމަށްފަހު، ބީޓާ ޓެސްޓިން މަރުހަލާ ފެށި، 2026 ވަނަ އަހަރުގެ ކުރީކޮޅު ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ޚިދުމަތް ފެށުމަށް އަޅުގަނޑުމެންގެ ޓީމުން މިދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. ފުރަތަމަ ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއެކު ސްވައިޕްގެ ޚިދުމަތް ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ، ޑިޖިޓަލް މާލީ ޚިދުމަތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދަމަހައްޓަމުންދާ ކުރިއެރުން އިތުރަށް ހަރުދަނާވެގެންދާނެ." ޝަރީފް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސްވައިޕްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމެވެ. މިގޮތުން އެ ކުއާޓަރުގައި، ބީއެމްއެލް އިން ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެއެވެ. މިއާއެކު، ސްވައިޕް ވެގެންދާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރުގެ މުއާމާލާތްކުރާ ދިވެހިންނަށާއި ދިވެހިރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށްވެސް ކޮންމެހެން ބޭނުންތެރި ވަސީލަތަކަށެވެ.
އެންމެ ޒަމާނީ ސަލާމަތީ ގިނަ ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ދިވެހިރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގަވާއިދުތަކާއި، ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ފެތޭ ސްވައިޕް އަކީ، ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ.
ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެއެވެ. ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެއެވެ.
ނެޝަނަލް ސާވިސްގެ ތަމްރީން 346 ދަރިވަރަކު ފުރިހަމަ ކޮށްފި
ހަމާސްގެ ތަރުޖަމާން އަބޫ އުބައިދާ ޝަހީދުކޮށްލައިފި
"ސްޓްރެސް" ވޭތަ؟ މިއޮތީ މުޅިން ތަފާތު ހައްލެއް!
