ވެމްކޯއިން ކުނި އުކާލުމުގައި ވިޔަފާރިތަކުން ނަގާ ފީ ކުޑަކުރުމަށް ނިންމައިފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް މުހައްމަދު މުއިއްޒު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި، ބައެއް ވިޔަފާރިވެރިން ވަނީ، ކުނި އުކަން ވެމްކޯ އިން ނަގާ ފީ ބޮޑުކަމުގެ ޝަކުވާ ހިއްސާކޮށްފަ އެވެ. އެ މީހުން އެދުނީ ބޮޑެތި އަދި ކުދި ވިޔަފާރިތައް ވަކިކޮށް، ކުނި އުކައިދޭ އަގަށް ބަދަލު ގެނެސް ދިނުމަށެވެ.

ވެމްކޯއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް، ކުނި އުކައި ދިނުމަށް ކުދި ވިޔަފާރިތަކުން ނަގާ ފީ އަށް، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއި ދޭން ނިންމާފައިވާ ކަމަށެވެ.

ފީ ކުޑަކުރުމުގެ ގޮތުން، އެސްއެމްއީތަކަށް ހާއްސަ ބޭންޑުތަކެއް ތައާރަފްކުރުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަޝްވަރާތަކަށް ފަހު ކަނޑައެޅޭ ބޭންޑުތައް ފަހުން ހިއްސާ ކުރާނެ ކަމަށް ވެމްކޯއިން ބަޔާނުގައި ބުންޏެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ވަނީ ނިންމައިފަ އެވެ.

"މިގޮތުން، ކުދި އަދިމެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިއުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި،" ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް ކަންކަން އަންނަ ޖެނުއަރީ އެކަކުން ފެށިގެން ތަންފީޒުކުރަން ފަށާއިރު، އެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކުން އާއްމުކުރަމުން ގެންދާނެ އެވެ.