އެމެރިކާއިން ހައްޔަރުކޮށްގެން އެ ގައުމުގެ ކޯޓަށް ހާޒިރުކުރި، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފި އެވެ.
ރޭގެ ވަގުތެއްގައި މަދޫރީ އެމެރިކާގެ މެންހަޓަން ކޯޓުގައި ވިދާޅުވީ އޭނާއަކީ މިހާރުވެސް ވެނެޒުއޭލާގެ ރައީސް ކަމަށާއި އެމެރިކާއިން ވަނީ އޭނާ ރަހީނުކޮށްފައި ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޯރެސް ވަގަށް ނަގައިގެން އެމެރިކާއަށް ގެންގޮސްފައިވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
މަދޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޮރެސްގެ މައްޗަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމް ހަމަލާތައް ދޭން ރޭވުން ފަދަ ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. ދައުވާތަކަށް ދެ ބޭފުޅުންވެސް ވަނީ އިންކާރު ކުރައްވާފައި އެވެ. މެންހަޓަން ކޯޓުން ވަނީ މަދޫރޯގެ ދެކަނބަލުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށް، އިތުރު އަޑުއެހުމެއް މި އަހަރުގެ މާޗު 17 އަށް ތާވަލުކޮށްފަ އެވެ.
ވެނެޒުއޭލާއަށް ހަމަލާ ދިނުމަށްފަހު ފްލޮރިޑާގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގައި ހަމަޖެހުން ޤާއިމުކޮށް، ވެރިކަމުގެ އިންތިޤާލީ ނިޒާމެއް ޤާއިމުކުރެވެންދެން، އެ ޤައުމު ހިންގުމާ އެމެރިކާއިން ސީދާ ހަވާލުވެފައިވާ ކަމަށެވެ.
ޓްރަމްޕު ވިދާޅުވެފައިވަނީ މަދޫރޯ އަށް ފަހު، ވެނެޒުއޭލާގެ ކަންކަމާ ހަވާލުވާނީ ޓްރަމްޕުގެ ކެބިނެޓުން ކަނޑައަޅާ ބައެއް ކަމަށާއި އެ ގައުމުގެ ކަންކަން ރައްކާތެރި ހާލަތަކަށް ބަދަލުވަންދެން ބަލަހައްޓާނީ އެމެރިކާ އިން ކަމަށެވެ. އަދި ވެނެޒުއޭލާގެ ތެލުގެ ވިޔަފާރިވެސް ބަލަހައްޓާނީ އެމެރިކާއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މަދޫރޯގެ މަސްއޫލިއްޔަތުތަކާ ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް ވަނީ ރަސްމީކޮށް ހަވާލުވެވަޑައިގަނެ، ރައީސްކަމުގެ ހުވާ ކުރައްވައިފަ އެވެ. ރައީސްކަމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރޮޑްރީގޭޒް ވަނީ އެމެރިކާއާ އެކު، މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ދެއްވައިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ ގާނޫނީ ވެރިކަމަށް ހުރަސްއެޅުމާއި ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލުން އިއްޔެ ވަނީ ބައްދަލުވުމެއް ބާއްވާފައި އެވެ. ބައްދަލުވުމުގައި މެންބަރު ގިނަ ގައުމުތަކުން އެމެރިކާގެ މި އަމަލު ކުއްވެރިކޮށް ވާހަކަދައްކާފައި ވެއެވެ.
އަންނަ މަހު 12 ގައި ތޮއްޑުއަށް ސީޕްލޭންގެ ހިދުމަތް ފަށަނީ
އަހަރުގެ ފުރަތަމަ ބޮޑު އެވޯޑް ހަފްލާ އާދީއްތަ ދުވަހު!
ކަންގަނާ އަނބުރާ ފިލްމު ސެޓަށް!