މޭޔަރަކަށް ނުވަތަ ކައުންސިލަށް ހޮވާ މެންބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނިކުންނަންޖެހޭ ބައެއް ނޫންކަމަށް ވިދާޅުވެ، މިއަދު މާލޭގެ މޭޔަރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީކުރުވަން ނިކުންނަން ގޮވައިލައްވާއިރު، އެ މަނިކުފާނަށް އެ މަގާމު ލިބުނީ، ދަ ޑިމޮކްރެޓްސްގައި އުޅުއްވި ބޭފުޅުންގެ ސަބަބުންކަމަށް ވިދާޅުވެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަލީ އާޒިމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފި އެވެ.

އާދަމް އާޒިމާ ވާދަކުރައްވާ ކެނޑިޑޭޓް އަލީ އާޒިމާއި، އޭނާއަށް ތާއީދުކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެންމެ ބޮޑަށް ވަކާލަތުކުރައްވާ އެއް ކަމަކީ، ސިޓީ ކައުންސިލް ހިންގަން ހޮވާ މޭޔަރަކު ސަރުކާރު ޖަވާބުދާރީކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ކަމަށް އެކި މަސައްކަތްކުރެވޭނެ ބޭފުޅަކަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްދޭން ޖެހޭ ކަމަށް ވިދާޅުވަމުން އެ ކަން ކުރެވޭނީ އަލީ އާޒިމް ހޮވައިގެން ކަމަށް އޭނާއަށް ތާއީދުކުރައްވާ މީހުން އަންނަނީ ބުނަމުންނެވެ.

މިކަމަށް ރައްދު ދެއްވައި ކައުންސިލަރުންގެ މަސްއޫލިއްޔަތާ ބެހޭގޮތުން ގާނޫނުގައި އޮތް މާއްދާއެއް ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ ކައުންސިލަރުންގެ ޒިންމާގެ ތެރޭ ހިމެނެނީ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން މަޝްވަރާ ދިނުމާއި، އެހީތެރިވުމާއި އެއްބާރުލުން ދިނުން ކަމަށެވެ. އަދި މާލޭގެ ކައުންސިލަރުންނާއި ކައުންސިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދިނުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ނަމަވެސް އެ ވާހަކަ އާދަމް އާޒިމްގެ ވާދަވެރިން ދައްކަނީ ވަރަށް ބޮޑަށް އޮޅުވައިލައިގެން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބުނި ކަމެއް ކުރަންޖެހޭ ތަނެއް ވެސް ނޫން ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ތަން ކަމަށެވެ. އަދި އެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީވާންޖެހޭތަން ކަމަށް ވިދާޅުވި އެވެ. އެއާ ޚިލާފަށް ކައުންސިލްތަކަކީ ސަރުކާރަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. ސަބަބަކީ އެއީ ސަރުކާރުން ބަޖެޓެއް ދީފައި ރައްޔިތުންނަށް ޚިދުމަތްކުރަން ހުންނަ ތަނަކަށް ކައުންސިލްތައް ވާތީކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އަލީ އާޒިމަށާއި އޭނާގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ، މިއަދު ރައީސް މުއިއްޒު ޖަވާބުދާރީ ކުރަން ނިކުންނަން ޖެހުނީ އެ ބޭފުޅުންގެ ސަބަބުން އެ މަނިކުފާނަށް އެ މަގާމު ލިބުނީމާ ކަމަށެވެ.

ރޮޒައިނާ އެފަދައިން ވިދާޅުވިއިރު، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އަލީ އާޒިމް ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެހެން ބައެއް ބޭފުޅުން އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި، އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ ދެކޮޅަށް ވަނީ ނުކުމެފަ އެވެ. އަދި އެ އިންތިޚާބުގައި މުއިއްޒު ރައީސް ކަމަށް ގެންނަން އެ ބޭފުޅުން ފާޅުގައި މަސައްކަތް ވެސް ކޮށްފައިވެ އެވެ.

"ތި ބޭފުޅުން ހަނދާންކުރައްވާ މިއަދު މޭޔަރު، ރައީސް މުއިއްޒު ޖަވާބުދާރީ ނުކުރައްވައިގެން މި އުޅުއްވާ ބޭފުޅުންގެ ސަބަބުން ނޫންތޯ އެ ތާނގައި ރައީސް މުއިއްޒު ހުރީ. އެހެންވީމާ މިއަދަކު މި ވާހަކަ އަޅުގަނޑުމެން މާ ބާރަކަށް، ރައީސް މުއިއްޒު ޖަވާބުދާރީކުރުވަން މޭޔަރެއް ހޮވުމުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތް، އެއީ ހަމަ ބޭކާރު ވާހަކައެއް،" ރައްޔިތުންނަށް ގާނޫނީ ވާޖިބު އޮޅުވައިލައިގެން ނުވާނެކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އާދަމް އާޒިމް ސަރުކާރާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ، ސަރުކާރަށް ނުކޮށްދެވުނުހާ ގިނަ ކަންކަން، ސިޓީ ކައުންސިލުގެ ކުޑަ ބަޖެޓުން އޭނާއަށް ކޮށްދެވުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އާދަމް އާޒިމަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން މާލޭގެ ރައްޔިތުން ވެސް ބަލައިގަންނަ ބޭފުޅެއް ކަމަށެވެ.