ދުނިޔޭގައި އަޖާއިބު ކުރުވަނިވި އިމާރާތްތަކާއި ބިނާތައް އެބަ ހުއްޓެވެ. އެއިން ބައެއް އިމާރާތްތަކަކީ ބަލާބެލުމަށް އަޖާއިބަކަށް ވިޔަސް އިންސާނުން އުޅެން އެންމެ ރައްކާތެރި ތަންތަނެއް ނޫނެވެ.
އެގޮތުން މި ހަފްތާގެ ހޮނިހިރު ދަތުރުގައި މި ބަލާލަަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދިރިއުޅެން ބިނާކޮށްފައި ހުރި އެންމެ ނުރައްކާތެރި ތަންތަނަށެވެ. މިއިން ތަނެއްގައި ދިރިއުޅެން ތިބާއަށް ކެރޭނެ ހެއްޔެވެ؟
1. ޓަކަސުގި-އަން - ޖަޕާން
ޓަކަސުގި-އަން އަކީ ޖަޕާނުގެ ފަރުބަދަމަތީގައި ހަދާފައި ހުރި ގެއެކެވެ. މި ގެ ހަދާފައިވަނީ ގަސްގަހުގެ ބުޑު މުޑިއެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. މި ގެއަށް އެރުމަށްޓަކައި ވަލުން ހަދާފައިވާ ސިޑިއަކުން ވަކި ހިސާބަކަށް އަރައި ފައިވާން ބޭލުމަށްފަހު ދެވަނަ ސިޑިއަކުން އަރަން ޖެހެ އެވެ.
2. ފީނިކްސް ހައުސް - ހަވާއީ
މިއީ މިހާރުވެސް އެއާއެންބީ ފަދަ ވެބްސައިޓްތަކުގައި ވިއްކަން ހުރި އިމާރާތެކެވެ. ހަވާއީގެ އެންމެ ވަރުގަދަ އެއް އަލިފާން ފަރުބަދައިގެ ކައިރީގައި ހުންނަ މި ގެއަކީ އެ އަލިފާން ފަރުބަަދަ ގޮވައިފި ނަމަ އޭގެ އަލިފާން ހޫނު އަލިފާން ފޯރާ ހިސާބުގައި ހުންނަ ގެއެކެވެ.
3. އިލައޭ އައިލެންޑް - އައިސްލެންޑް
އެކަނި ވަގުތު ހޭދަކުރަން ލޯބިކުރަން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ދުނިޔޭގެ އެންމެ އެކަހެރި ގޭގައި ތިބާއަށް ކެތްކުރެވޭނެ ހެއްޔެވެ؟ އައިސްލެންޑްގެ އިލައޭ އައިލެންޑްގައި ހުންނަ އެ ގެއަކީ ވަަށައިގެން އެއްވެސް ދިރުމެއް ނުވަތަ ހިދުމަތެއް ވެސް ލިބެން ނުހުންނަ ގެއެކެވެ.
4. ހަބް އައިލެންޑް - ނިއު ޔޯކް
އެމެރިކާއާއި ކެނެޑާ ގުޅޭ ބޯޑަރު ކައިރީގައި ހުންނަ މި ގެއަކީ އެ ސަރަހައްދުގެ ކޯރެއްގައި ވަކިން ހިކިފައި އޮންނަ ފަސްގަނޑެއްގައި ހުރި ގެއެކެވެ. މި ފަސްގަނޑުގައި ވަނީ ހަމައެކަނި އެ ގެއަށްވާ ޖާގަ އެކަންޏެވެ.
5. ދަ ކްލިފް ހައުސް - އޮސްޓްރޭލިއާ
އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ހުންނަ ފަސްބުރީގެ ގެއަކީ ފަރުބަދައެއްގެ ކޮޅުން އެލިފައި އޮންނަ ގޮތަށް ބިނާކުރެވިފައިވާ ގެއެކެވެ. މި ގޭގެ އެންމެ މަތީ ފަންގިފިލާގައި ވަނީ ވެހިކަލް ގަރާޖެކެވެ