ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި އުމުރުން ނުވަ އަހަރުގެ ކުއްޖާ ރޭ ފަތިހު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ވަނަ ޓަވަރު ކައިރީގަ އެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 9:04 ގަ އެވެ.
މި އެކްސިޑެންޓްގައި ނިޔާވީ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް ތިނެއްގައި ކިޔަމުންދިޔަ ޒީވާ ސިނާން އަހުމަދު އެވެ.
ހޮނިހިރު ދުވަހުގެ ރޭ ނުވައެއް ޖަހާކަންހާއިރު އެކްސިޑެންޓް ވިއިރު، ސައިކަލް ފަހަތުގައި ޒީވާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެކަމަކު އިތުރު ފަރުވާ އަށް ފަހުން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދެމުން އައީ އެ ހޮސްޕިޓަލްގަ އެވެ.
އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ކުރިން ބުނެފައިވެ އެވެ.
އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދިޔައިރުއްސުރެ އެ ކުއްޖާ އަށް ފަރުވާދެމުން އައީ ވެސް އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާ ކުރުމަށް ފަހު، ފުލުހުން ބުނެފައި ވަނީ، އެކްސިޑެންޓް ހިނގީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލަކުން، ވިނަރެސް ހަތެއްގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އެރުމަށް މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
ފުލުހުން ބުނީ، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ، ހިތިގަސްމަގުން ދުއްވާފައި ދިޔަ އެ ސައިކަލު، ވިނަރެސް 7 ކައިރީ މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި ކޮންޓްރޯލުން ނެއްޓިގެންނެވެ.
އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ އުމުރުން 18 އަހަރުގެ އަންހެނެކެވެ. އެއީ، ހާލު ސީރިއަސްވި ޒީވާގެ ބޮޑުދައިތަ އެވެ. އޭނާ އަށް ވެސް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްގައި ފަރުވާދިނެވެ.
އެކްސިޑެންޓްވުމާ އެކު ޒީވާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެ އެވެ. ކުއްޖާ ހޭވެރިކަމެއް ނެތި އޮތްއިރު ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ދެ ކާރެއް ޓޯކޮށްފަ އެވެ. ތަހުގީގަށް ބޭނުންވާ ހެކިތައް ހޯދުމަށް ޓޯކުރީ ފުލުހުން ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ.
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
ޑޮލަރު ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދި ހަ ބިދޭސީއަކު ހައްޔަރު
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު