އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓްވި މީހާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭ އެޅިފައިވުމާ ގުޅިގެން އޯގަސްޓް 31 ވަނަ ދުވަހު ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދެބަފައިންގެ ތެރެއިން، ބައްޕަގެ އުންމީދު ކަނޑާލައިފި އެވެ.

ފުލުހުން ރޭ ބުނީ ހޯމަ ދުވަހުގެ ހެނދުނު 7:36 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި، ސައިކަލް ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވެ، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓްވި މީހާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭ އެޅިފައިވުމާ ގުޅިގެން އޯގަސްޓް 31 ވަނަ ދުވަހު ބޮލުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ މެމްބަރު ފާތުމަތު ޒަހިއްޔާ ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ހިޔާ ޓަވަރު-9 ކައިރީގަ އެވެ.

މި ހާދިސާގައި ދެބަފައިންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ބައްޕަގެ ހާލު ސީރިއަސްވެ މިހާރު އޮތީ އައިސީޔޫގަ އެވެ. އަދި އޭނާގެ އުންމީދު ކަނޑާލާފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

މި ފަހުން ހުޅުމާލޭގައި ހިނގި ހިތާމަވެރި ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން ޒަހިއްޔާ ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓްރެފިކް އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭ ކަމުގެ ކަންބޮޑުވުން ހާމަކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، އެންމެ ބާރުބޮޑުވާ ވިނަރެސް ޓަވަރުތައް ކައިރީގައި ޓްރެފިކް ނުބެލެހެއްޓުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.