މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަ ނެތި ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް، އެފަދަ މައްސަލަތައް ތަހުގީގުކުރަން އެކުލަވާލާފައިވާ ޓާސްކްފޯސްއިން އާންމުންގެ ކިބައިން އެދިއްޖެ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށްޓަކައި ޓާސްކްފޯސްގެ ހާއްސަ އޮޕަރޭޝަން ނަންބަރެއް އާންމުކޮށްފަ އެވެ. އެގޮތުން އެސްއެމްއެސް، ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް 9388733 އަށް އެ މައުލޫމާތުތައް ހިއްސާކޮށްދިނުމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތު ސިއްރުކޮށް، ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމަށެވެ. އަދި މައުލޫމާތު ދޭ ފަރާތްތަކުން ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި މިފަދަ ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ޓާސްކްފޯސްއިން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސް، ސަމާލުވުމަށް އެދިއްޖެ
ސައުދީގެ ތެޔޮ ހޮޅިއަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ރާއްޖެއިން ގޮވާލައިފި ނަމަ، ޑރ. ނަސްރީނާ އިޖާބަދޭން ތައްޔާރު!