އޭނާ ކުރި ކަންތައްތައް އެނގޭނަމަ ސަރުކާރުގެ އިސް ބޭފުޅުން ނޯށުން ރޯނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި އަހްމަދު ޝަމާހު ރަޝީދު ކަމަށް ބެލެވޭ މީހަކު ވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ އެވެ.

ލީކުކޮށްލާފައިވާ އޯޑިއޯގައި ދައްކަމުން ދިޔައީ ސްޓެލްކޯގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކުގެ ވާހަކަ އެވެ. ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން އެ ވާހަކަތައް ދައްކަމުން ދިޔައީ ވަރަށް ފަހުރުވެރިކަމާއެކު އެވެ.

އެ ކަންކަން ކުރަނީ އެންމެ ކައިރީގައި ހުންނަ މީހާއަށް ވެސް އޮޅުވާލައިގެން ކަމަށް ޝަމާހު ކަމަށް ބެލެވޭ މީހާ ވިދާޅުވެ އެވެ.

އެ އޯޑިއޯގައި ދެން ވާހަކަދައްކާ މީހާ ކުރާ ސުވަލަކީ އެއްވެސް މީހަކަށް އެކަންކަން ނޭނގޭނެތޯ އެވެ. ޖަވާބުގައި ޝަމާހު ކަމަށް ބެލެވޭ މީހާ ވިދާޅުވީ އަޒްހަދާއި ސާއިދަށް އެނގޭނެ ކަމަށެވެ. އަޒްހަދަކީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާ އަކީ ކުންފުނީގެ ޕްރޮކިއުމަންޓްގެ ވެރިޔާ އެވެ. އޭނާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މި މީހުން ނޯށުން ރޯނެ މި ހުރިހާ ކަމެއް އެނގޭނަމަ. މި މީހުންނަކަށް ނޭންގެ މިއީ އެ ދާއިރާއިން ޕީއެޗްޑީ ހަދައިގެން އައިސްހުރި --[ހުތުރުބަހެެއް] ކަމެއް,
ޝަމާހު ރަޝީދު

ސާއިދު އަކީ ދާދި ފަހުން ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން ޔުނިޓްގެ ހެޑްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެކެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ސީނިއާ މެނޭޖަރެއްގެ ގޮތުގަ އެވެ. އެ މަގާމަށް އޭނާ އައްޔަނުކުރީ ވެސް ސަމާހް އެވެ. ކޮރަޕްޝަންތައް ހިންގަނީ އެ ދެ މީހުންނާ ގުޅިގެންކަން އެ އޯޑިއޯ އިން ސާފުވެ އެވެ.

އޭގެ ފަހުން ސްޓެލްކޯ އިން ފިހާރައެއް ހުޅުވާ އެ ފިހާރައިން އަމިއްލަ މަންފާ ހޯދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. އެކަމާ ޑީއެމްޑީ މުޒުނާއާ ވާހަކަ ދެއްކި ކަމަށް ވެސް ބުނެ އެވެ.

"--[ހުތުރުބަހެެއް] މަ ރޭޓްކޮށްފައި އޭނީ ވަރަށް ދަށުން. އެހެންވީމަ އޭތި މަށަށް ވަަރަށް ސަޅި އަސްލު," ފިހާރައިގެ ކަންކަމަށް ވަރަށް ފަސޭހައިން މުޒުނާ އެއްބަސްވިކަން ފާހަގަކޮށް ޝަމާހު ކަމަށް ބެލެވޭ މީހާ ވިދާޅުވެ އެވެ.

އޭގެ ފަހުން ވެސް ވަރަށް ފަހުރުވެރިކަމާއެކު އޭނާ ހިންގާ އެއްވެސް ކަމެއް ސްޓެލްކޯގެ ވެރީންނަށް ނޭނގޭ ކަމަށް ބުނެ އެވެ. އަދި އެ މީހުންގެ ނަޒަރުގައި އޭނާ އަކީ މާބޮޑަށް ފައިސާއަށް ވިސްނާ މީހެއް ނޫން ކަމަށް ބުނެ އެވެ. އެ މީހުންނަށް އޭނާ ހީވެފައި އޮންނަނީ ނުބައި އެހެން އަމަލެއް ހިންގާ މީހެއްގެ ގޮތުގައި ކަމަށް ބުނެ ވަރަށް ބާރަށް ހެމުން އޭނާގެ އެކުވެރީންނަށް އެ ވާހަކަތައް ކިޔައިދެ އެވެ.

އޭގެ ފަހުން ދެން ބުނަނީ އޭނާ ކޮށްލާ ކަންކަން އެނގޭނަމަ އެ މީހުން [ބެލެވެނީ ސަރުކާރުގެ ވެރިން ކަމަށް] ނޯށުން ރޯނެ ކަމަށެވެ. އަދި އަނެއްކާ ވެސް ފަހުރުވެރިކަމާއެކު އޭނާ އަކީ އެކަންކަން ކުރުމުން ޕީއެޗްޑީ ނަގައިގެން ހުރި މީހެއް ކަމަށް ބުނެ އެވެ.

"މި މީހުން ނޯށުން ރޯނެ މި ހުރިހާ ކަމެއް އެނގޭނަމަ. މި މީހުންނަކަށް ނޭންގެ މިއީ އެ ދާއިރާއިން ޕީއެޗްޑީ ހަދައިގެން އައިސްހުރި --[ހުތުރުބަހެެއް] ކަމެއް," ސަމާހު ކަމަށް ބުނާ މީހާ ބުނާތީ އިވެ އެވެ.