އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާއި ގުޅިގެން ތެހެރާނަށް ދަތިކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ، އީރާނާއެކު ވިޔަފާރި ކުރާ ގައުމުތަކުން 25 އިންސައްތަ ޓެރިފް ނަގަން ނިންމަވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.

އީރާނާއެކު "ވިޔަފާރި" ކުރާ ގައުމުތައް ކަމަށް ވިދާޅުވެ، ޓެރިފް އިއުލާން ކުރެއްވި އިރު، ޓެރިފް ނެގުމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ޓްރަމްޕް ނުދެއްވަ އެވެ.

އީރާނުގެ އެންމެ ބޮޑު ވިޔަފާރި ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، އިރާގު އަދި ޔޫއޭއީގެ އިތުރުން ތުރުކީ އާއި އިންޑިއާ އެވެ.

ޓެރިފް ނެގުމަށް ނިންމިކަން އިއުލާންކޮށްފައި މިވަނީ އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އާއްމުން މަރަމުންދާކަމަށް ބުނެ އެމެރިކާއިން އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާއާއެކު ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ތަކުރާރުކޮށް ދެއްވުމަށްފަހު އެވެ.

އިރާނުގައި ކުރަމުންދާ ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގަމުންދާ އަމަލުތަކާ ގުޅިގެން، އީރާނާ ދެކޮޅަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރަށް އޮތް ކަމަށް ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިންވެސް ވަނީ ހޯމަ ދުވަހު ބުނެފަ އެވެ.

އީޔޫގެ ތަރުޖަމާނު އަނޯރް އެލް އަނޫނީ ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކާ ގުޅިގެން އިތުރު އަދި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އީޔޫއިން ދިރާސާ ކުރަމުންދާ ކަމަށެވެ. އިރާނުގެ ނިއުކްލިއާ މައްސަލައާއި އިންސާނީ ހައްގުތަކާ ގުޅިގެން މިހާރުވެސް އީޔޫއިން ވަނީ އެގައުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެމެރިކާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ރިޕޯޓުކޮށްފައި ވާގޮތުން އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުގައި މިހާތަނަށް އާއްމުގެ 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި 48 އީރާނުގެ އަމަން ބަލަހައްޓާ ފުލުހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެތައްހާސް ބަޔަކު ހައްޔަރުކޮށްފައި ވާކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އީރާނުން ވަނީ މުޒާހަރާތަކާއި ގުޅިގެން އެމެރިކާއާއެކު މަޝްވަރާ ކުރަން އެއްބަސްވެފަ އެވެ. މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، އަސްކަރީ ހަމަލާއަކަށް ވިސްނަމުން ދާ ކަމަށް ޓްރަމްޕް ވަނީ އާދިއްތަ ދުވަހު ވިދާޅުވެފަ އެވެ.

އީރާނުގައި ފައިސާގެ އަގު ދައްވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއި ގުޅިގެން އެ ކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަހައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިއީ 1979ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.

އެމެރިކާއިން އީރާނުގެ ދާހިލީ ކަންކަމަށް ބާރުފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އީރާނުން ތުހުމަތުކޮށްފައިވެ އެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ބޭނުންކޮށްގެން ކަންތައްތަކެއް ހާސިލް ކުރުމަށް ބޭރުގެ ގައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މުޒާހަރާތަކުގައި މީހުން މަރުވަނީ ވެސް އެމެރިކާއިން މައްސަލައިގެ ތެރެއަށް ވަނުމުން ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.