ރާއްޖެ އަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރަތައް އަންނަ ފެބްރުއަރީ މަސް ތެރޭގައި ބަދަލުކޮށް ނިމޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ 196 ބޭސް ފިހާރަ އަލަށް އުފެއްދި ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ރައީސް މުހައްމަދު މުއިއްޒު އެ ކުންފުނި އުފެއްދުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައި ވަނީ އެސްޓީއޯއިން ޒަމާންތަކެއް ވަންދެން ރަނގަޅަށް ކުރަމުން އައި ކަމެއް ކުރުމަށް އާ ކުންފުންޏެއް ހެދުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

އެސްޓީއޯ އިން ބޭސް އެތެރެކޮށް ވިއްކަނީ އެކަމުން މާލީ ބޮޑު މަންފާއެއް ހޯދުމަކަށް ނޫނެވެ. އާންމު ރައްޔިތުންނަށް ލުއިފަސޭހަކޮށް ބޭސް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައެވެ. އެހެންކަމުން އާ ކުންފުންޏެއް އުފެއްދުމުން އެ ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހި ދައުލަތުގެ ބަޖެޓުން އެ ކުންފުނީގެ ހަރަދުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭނެއެވެ.

އެސްޓީއޯއަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ އާމްދަނީން ކުންފުނީގެ ހުރިހާ ހަރަދެއް ކުރުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ.

1984 ވަނަ އަހަރުން ފެށިގެން އެސްޓީއޯ އިން އަންނަނީ ރާއްޖޭގައި ބޭސް ފިހާރަތައް ހިންގަމުންނެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ ކުންފުނީގެ ބޭސް ފިހާރަތައް ހުރެ އެވެ.