އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ ނުބައި ނުލަފާ ވެރިއެއް ކަމަށާއި އޭނާގެ ނިމުން ފިރުއައުނާއި ނަމުރޫދުގެ ނިމުމަށް ވުރެ ވެސް ހިތިވާނޭ ކަމަށް އީރާނުނެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
މިހާރު އީރާނުގައި ހިނގަމުންދާ އިޤްތިޞާދީ ހަމަނުޖެހުންތަކާ ގުޅިގެން، އެޤައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެމެރިކާ ސަރުކާރަށް މިފަދައިން އިންޒާރެއް ދެއްވާފައިވާއިރު، އިރާނުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުން ތަކުގެ އަސްލަކީ އެމެރިކާގެ ރައީސް ޓްރަމްޕް ކަމަށް އިރާނުން ދަނީ ތުހުމަތު ކުރަމުންނެވެ.
ދައުލަތުގެ މީޑިއާއިން ބްރޯޑްކާސްޓްކުރި ހިޠާބެއްގައި ހާމަނާއީ ތުހުމަތުކުރެއްވި ގޮތުގައި، އީރާނުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކަކީ ވޮޝިންގޓަނުން އަޑީގައި އޮވެގެން ރާވައިގެން ހިންގާ ކަންތައްތަކެކެވެ. އަދި ބޮޑާކަމާއި ކިބުރުވެރިކަމާއެކު ވެރިކަންކުރާ ލީޑަރުންނަށް އޮތީ ނެތިދިއުންކަމަށް ވިދާޅުވެ، ޓްރަމްޕްގެ ވެރިކަންވެސް ވެއްޓޭނެކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.
ޚާމަނާއީގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުތަކެއްގައި، ތާރީހުގައި ފާހަގަކޮށްލެވޭ ފިރުއައުނާއި، ނަމްރޫދު އަދި އީރާނުގެ ކުރީގެ ރަސްގެފާނު މުޙައްމަދު ރިޒާ ޕަހްލަވީ ފަދަ އަނިޔާވެރި ވެރިންގެ މިސާލު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހުރިހާ ވެރިންނަކީވެސް އެމީހުންގެ ބާރުގެ އެންމެ ކުރީގައި ތިއްބަވައި، ބޮޑާކަމުގެ އިންތިހާއަށް ދިޔަ ވަގުތު ބޭރުކޮށްލެވުނު މީހުންނެވެ. ”މުޅި ދުނިޔެއާ މެދު ބޮޑާކަމާއެކު ގޮތް ނިންމަވާ އެމެރިކާގެ ރައީސް ދަންނަންޖެހޭނެ، އޭނާވެސް ވެއްޓޭނެކަން،“ ޚާމަނާއީ ލިޔުއްވާފައިވެ އެވެ.
މި މުޒާހަރާތައް ފެށުނީ އީރާނުގެ ފައިސާގެ އަގު އިންތިހާއަށް ވެއްޓި، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވި ދަތިތަކާ ގުޅިގެންނެވެ. ނަމަވެސް ޚާމަނާއީ ވިދާޅުވީ ބައެއް މުޒާހަރާކުރާ މީހުން އުޅެނީ ޤައުމުގެ ހަމަޖެހުން ނަގާލައި، އެމެރިކާގެ ރުހުން ހޯދަން ކަމަށެވެ. މުޒާހަރާގެ ތެރޭގައި ތަންތަނަށް ގެއްލުންދީ ހުޅުޖަހާ ހެދުމަކީ ”ބޭރުގެ އޭޖެންޓުން“ ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މީގެ އިތުރުން، ޓްރަމްޕް އީރާނުގެ ރައްޔިތުންނަށް ސަޕޯޓުކުރާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޚާމަނާއީ ވިދާޅުވީ، ޓްރަމްޕަށް އެވަރުގެ ކުޅަދާނަކަމެއް ހުރިނަމަ އަމިއްލަ ޤައުމުގައި ހިނގާ މައްސަލަތައް ހައްލުކުރެއްވުމަށެވެ. އަދި އީރާނުގެ ރައްޔިތުންނަކީ ބޭރުގެ ނުފޫޒަށް ތަބާވާނެ ބައެއް ނޫންކަމަށާއި، ބޭރު ޤައުމުތަކުގެ ބޭނުމަށް ޤައުމު ހަލާކުކުރާ މީހުންނަކީ ޤައުމުން ބޭރުކޮށްލެވިފައިވާ ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ހުއްޓާލަން ޖެހޭ!
މަސްއޫދުގެ ވާހަތަކާ ގުޅޭގޮތުން ހަލީލްއާ ސުވާލުކުރަނީ
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަން ދެތިން ކަމެއް!