މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާނުކުރާ ކަމަށް އެއްބަސްވެ، އެކަން ނުކުރުމަށް ވެމްކޯއިން ބަހަނާ ދައްކައިފި އެވެ.

ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެކަން ނުވަނީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާތައް ނުލިބޭތީ ކަމަށެވެ. ފައިސާ ނުލިބޭ ގިނަ ތަންތަން އެބަހުރި ކަމަށް އެ ކުންފުނިން ބުނިނަމަވެސް ހަމައެކަނި ހާމަކުރީ އެންމެ ތަނެއްގެ މައުލޫމާތެވެ. އެއީ މާލޭ ސިޓީ ކައުންސިލެވެ.

މާލޭ ސިޓީ ކައުންސިލުން އެ ކުންފުންޏަށް ދޭންޖެހޭ 98 މިލިއަން ރުފިޔާ އެބަހުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

ފައިސާ ނުލިބޭކަމުގެ ބަހަނާ ދައްކަމުންދާއިރު، ވެމްކޯއިން ވަނީ ފާއިތުވި ދުވަސްތަކުގައި ބޭނުންވާ އަދަދަށްވުރެ ގިނައިން މުވައްޒަފުން ނަގާފަ އެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލްގެ ބޭބެ އަބްދުﷲ ޝަރީފްގެ ބޭބެއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކައި ވެސް ވަނީ ތިނަދުއަށް ބޭނުންވާ އަދަދަށްވުރެ ގިނައިން މުވައްޒަފުން ނަގާފަ އެވެ.

ބޭނުންވާ އަދަދަށްވުރެ ގިނައިން ވަޒީފާ ދިނީ ހަމައެކަނި ތިނަދުއަކަށް ނޫނެވެ. އެހެން ރަށްރަށުން ވެސް އެރަށެއްގެ އާމްދަނީއާ ނުބައްދަލު، އަދި އެރަށަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މަޖިލިސް އިންތިހާބާ ދިމާކޮށް ވަޒީފާތައް ދިނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް އަންނަނީ އިތުރު ބަޔަކަށް ވަޒީފާތައް ދެމުންނެވެ.

ވެމްކޯއިން ބުނީ ލިބެންޖެހޭ ފައިސާ ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ސިޓީ ކައުންސިލުން ލިބެންޖެހޭ ފައިސާ ހޯދުމުގައި ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ޕެންޝަން ފައިސާ ދެއްކުމުގެ މައްސަލާގައި ޕެންޝަން އޮފީހާ އެކު ވެސް ވެމްކޯއިން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިކަންކަން ހައްލުކޮށް ޕެންޝަން ފައިސާ ގަވާއިދުން ޖަމާކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.