ސަން ސިޔާމް ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށްދޭ ސާވިސް ޗާޖު މި ޖެނުއަރީން ފެށިގެން ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ސަން ސިޔާމް ގްރޫޕުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ޑޮލަރުން މާރުކުރަން މަޖުބޫރުކުރުމުން އެ ކުންފުންޏަށް މާލީގޮތުން ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

މި ގަވާއިދުގެ ސަބަބުން ކުންފުނީގެ ހިންގުމަށާއި މުވައްޒަފުންނަށް ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް އެ މަޝްވަރާތަކުން މިހާތަނަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަމަށް އެ މެމޯގައިވެ އެވެ.

އެހެންވެ، ޖެނުއަރީ 1، 2026 އިން ފެށިގެން އެ ގްރޫޕުގެ ހުރިހާ ރިސޯޓުތަކެއްގެ ދިވެހި އަދި ބޭރު މުވައްޒަފުންނަށް ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޑޮލަރު މާރުކުރުމުގެ ގަވާއިދު ތަންފީޒުކުރަން ފެށި ފަހުން، މިއަދާ ހަމައަށް މުވައްޒަފުންނަށް ޑޮލަރުން ފައިސާ ދިނުމަށް ކުންފުނިން ބޮޑެތި މާލީ ގޮންޖެހުންތަކަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ސަން ސިޔާމް ގްރޫޕުން ބުންޏެވެ.

ސާވިސް ޗާޖް ރުފިޔާ އިން ދޭން ނިންމިޔަސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެމުން އަންނަނީ ޑޮލަރުންނެވެ.

މި ސަރުކާރުން ޑޮލަރުގެ ސިޔާސަތަކަށް ގެނައި ބަދަލާއެކު ޑޮލަރެއްގެ އަގު ވަނީ 20ރ. އަށް އުފުލިފަ އެވެ.