ވެރިކަން ކުރާ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ނެރެފައިވާ މޫސާ އަލީ ޖަލީލަކީ ކަތިލާ ކަންބަޅިއެއް ކަމަށާއި ރައީސް މުހައްމަދު މުއިއްޒު ބޭނުންވަނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ހޮވެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް ވާދަކުރައްވާއިރު، ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ވާދަކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ރައީސް ޔާމީން ވިދާޅުވީ ޖަލީލަކީ ޚިދުމަތްތެރި، ޝަރަފުވެރި، ނަމޫނާ ބޭފުޅެއް ކަމަށާއި މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ގަބޫލުކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ޕީއެންސީން ޖަލީލު ބޭނުންކުރަނީ ކަތިލާ ކަންބަޅިއެއްގެ ގޮތުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުއިއްޒު ބޭނުންވަނީ އާދަމް އާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯ ނަގާފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ،" ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީން ވަނީ މާލޭގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކުރަން އެ މަނިކުފާނަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ޓީމެއް ލޯކަލް ލެވެލްގައި ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދާދި ފަހުން ދެއްކެވި ވާހަކަތަކަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޔާމީން ވަނީ އެއީ ޑިމޮކްރަސީއަށް އަހުލުވެރިކަމެއް ނެތް، ވެރިކަމުގެ ވައްޓަފާޅިއެއް ނެތް އަދި ހުދުމުޚުތާރު ސިފައެއްގެ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.

ޔާމީން ވިދާޅުވީ ކައުންސިލް އޮތަސް ނެތަސް ރައްޔިތުން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ގެނެސްދޭން ވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.