ހުއްދަ ނުނަގައި ސޯޝަލް މީޑިއާގައި އެކި ކަހަލަ ބޭސް އިޝްތިހާރުކޮށް ވިއްކާ މައްސަލަ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ވިޔަފާރީގެ އުސޫލުން ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާބެހޭ ގަވާއިދު (2014/R-46) ގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެ، ހުއްދަ ލިބިގެން ކަމަށެވެ. އަދި އެތެރެކުރާ ހުރިހާ ބޭހަކީވެސް "އެޕްރޫވްޑް ޑްރަގް ލިސްޓް" ގައި ހިމެނޭ ބޭސްތަކަށް ވާންޖެހޭނެ ކަމަށްވެސް އެމް.އެފް.ޑީ.އޭ އިން ބުންޏެވެ.

ނަމަވެސް، މިހާރަކަށް އައިސް އެކި ކަންކަމަށް ބޭނުންކުރާ ބޭސްތައް ހުއްދަ ނެތި އެތެރެކޮށް، އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށާ، ޚާއްޞަކޮށް، ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރަން ބޭނުންކުރާ 'Semaglutide' އަކީ ބަރުދަން ލުއިކުރާ ބޭހެއްގެ ގޮތުގައި އަދި ހަމުގެ މައްސަލަތަކަށް ބޭނުންކުރާ 'Azelaic Acid' އަކީ މޫނު އަލިކުރާ އެއްޗެއްގެ ގޮތުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަންއެ އޮތޮރިޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެމް.އެފް.ޑީ.އޭ އިން ބުނީ މިއީ ހާއްސަ ޑޮކްޓަރެއްގެ ބޭސްސިޓީއަށް ނޫނީ ދޫކޮށްގެންވާނެ ބޭސްތަކެއް ނޫންކަމަށާއި ޑޮކްޓަރެއްގެ އިރުޝާދާ ނުލައި މިފަދަ ބޭސްތައް ބޭނުންކުރުމަކީ ސިއްހީ ގޮތުން ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ.

ހުއްދަ ނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާ މެދު ބޭހާބެހޭ ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުއްވުމަށް އެމް.އެފް.ޑީ.އޭ އިން އެދެއެވެ.