އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ނުފޫޒުފޯރުވަން އިލެކްޝަންސް ކޮމިޝަނުން ވެރިކަންކުރާ ޕީއެންސީއަށް މަގުފަހިކޮށްދެމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ކައުންސިލް އިންތިހާބުގެ ތަރުޖަމާނުގެ ނައިބު ހުސައިން ހަސަން ވިދާޅުވީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަސް ތާއީދުކޮށް އީފާސް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރާ މީހުންގެ ވަނަވަރު އެ ކޮމިޝަނުން ޕީއެންސީއަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ހުސައިން ވިދާޅުވީ އެކަމުގެ ހެކި އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން ކުރަނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލްއަށް އެކްސެސްވުމުގެ ފުރުސަތު ޕީއެންސީއަށް ދީގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ތ. ވިލުފުއްޓަށް އަމިއްލަ ގޮތުން ކުރިމަތިލި މީހަކަށް ތާއީދު ކުރި މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އެބަވޭ. ޕީއެންސީއަށް ފޯރުކޮށްދީފައި. އެކަމުގެ ހެކި އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮންލައިންކޮށް ހުށަހަޅާ އެޕްލިކޭޝަން ބަލައިގަންނަން ފަސް ދުވަހުގެ މުއްދަތެއް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިންތިހާބަށް ކުރިމަތިލުމުގެ ކަންކަން އޮންލައިންކޮށް ކުރުމުން ކަންކަން ވާންޖެހޭނީ އަވަސް ކަމަށާއި ހުށަހަޅާ އެޕްލިކޭޝަނަކާ މެދު 24 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަންޖެހޭނެ ކަމަށް ހުސައިން ވިދާޅުވި އެވެ.
ދާދިފަހުން ރައީސް މުހައްމަދު މުއިއްޒާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ބައްދަލުކުރައްވައި މަޝްވަރާކުރެއްވީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ ގޮރްތަކާ ގުޅޭގޮތުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ އެ ޕާޓީގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހުގެ 12، ގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، އިރާދަކުރެއްވިއްޔާ ފެބްރުއަރީ 12، ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އާއި ޑަބްލިއުޑީސީއަށް ކެމްޕެއިން ލޯންޗުކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެ ޕާޓީން މުޅި ރާއްޖޭގައި ކެމްޕެއިން ޓީމްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާނަންތާއި ރާދިކާ އިތާފުށީގައި!
"ކަހޯނާ ޕްޔާރުހޭ" އަށްފަހު ރިތިކް ބޮލީވުޑް ދޫކޮށްލަން ނިންމި!
ޗާގޯސް ލިބުން އެންމެ ހައްގު ބޮޑީ ރާއްޖެއަށް: ރައީސް
