މި ސަރުކާރުގެ ތިން ވަނަ އަހަރަށް އެޅިއިރު، ފުވައްމުލަކުގެ ތަރައްގީއަށް މި ސަރުކާރުން ކުރި ކަމެއް ފެންނާކަށް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ މި ސަރުކާރުން ބިންގާއެޅި މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދިޔަޔަސް އެމްޑީޕީ ސަރުކާރުން އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ޑަޔަލިސިސްގެ ޚިދުމަތް ތައާރަފްކޮށް ފުވައްމުލަކު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތައް އިތުރުކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެރަށުގައި ނެހެދި ހުރި ގިނަ މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައި ތާރުއަޅާފައިވަނީ ވެސް އެމްޑީޕީގެ ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފުވައްމުލަކު ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ ގޮތުން އެރަށް ވަށައި ބޮޑު ހިލަ ޖެހުމުގެ ބިޔަ މަޝްރޫއު ފަށައި ނިންމާލީ ވެސް އެމްޑީޕީ ސަރުކާރުންނެވެ.

ފައިސަލް ވިދާޅުވީ މި ސަރުކާރުން ފުވައްމުލަކަށް ކުރި އެއްވެސް ކަމެއް ފެންނަން ނެތަސް އެމްޑީޕީ ސަރުކާރުން ކޮށްދިން ކަންތައްތައް ރައްޔިތުންނަށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެމްޑީޕީން ނުވާނެ ކަންތައްތަކުގެ ވާހަކަ ނުދައްކާނެ ކަމަށާއި ނިމިދިޔަ ފަސް އަހަރު އެކަން ސާބިތުކޮށްދީފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އާސަންދައިގެ ހިދުމަތް ލިބުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށާއި ފެންނަމުންދަނީ ދައުލަތުގެ ބައިތުލްމާލު ހުސްކޮށް ގައުމު އިނދަޖައްސާލާ މަންޒަރު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ދޭންވީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވަނީ ފުވައްމުލަކުގެ މޭޔަރު ކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ އިސްމާއީލް ރަފީގާއި ސިޓީ ކައުންސިލްގެ މެންބަރު ކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ދޮރުން ދޮރަށް ވަޑައިގެން ކެމްޕޭންގެ ހަރަކާތްތައް ކުރިއަށްގެންދަވާފަ އެވެ.