މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ 'މީޑިއާ ކޮންޓްރޯލް' ގާނޫނަކީ، މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރިކަމާއި ފުރުއްސާރައަށް ހިތްވަރުދީ އިތުރަށް ބާރުލިބޭ ގޮތަށް އޮތް ގާނޫނެއް ކަމަށާއި އެ ގާނޫނު އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.
މީޑިއާ ބިލް ރައްޔިތުންގެ މަޖިލީހުން ފަސްކޮށް، ރައީސް ހައްމަދު މުއިއްޒު މި ބިލު ތަސްދީގު ކުރެއްވީ މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދެކޮޅު ހަދަމުންދަނިކޮށެވެ.
އަވަސް އަރުވާލައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލުކުރާ ގާނޫނުންގެ ދަށުން ފުރަތަމަ ފަހަރަށް 'އަދަދު' ނޫހުގެ ކޮންޓެންޓެއް ހުއްޓާލަން އަންގައި އެ މައްސަލަ ދަނީ ބަލަމުންނެވެ.
މިކަމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އައިއެފްޖޭއިން ބުނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދުވަހަކަށް ވުރެ ދުވަހެއް ހަނިވަމުންދާއިރު، މީޑިއާ ކޮންޓްރޯލް ގާނޫނު އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.
"ކުރިން ވެސް ހީކުރި ގޮތަށް، ގާނޫނުއަސާސީއާ ހިލާފު މި މީޑިއާ ކޮންޓްރޯލް ބިލުން މިހާރު ވެސް ދަނީ ސައްހަ ނޫސްވެރިކަމާއި އެޑިޓޯރިއަލް ކޮންޓެންޓް ސެންސަރުކުރުމަށް މަގުފަހިކޮށްދެމުން. [މި ގާނޫނުން] ހަމައެކަނި ހިތްވަރުދެނީ މިނިވަން ނޫސްވެރިންނަށް އަމާޒުކޮށް ހިންގާ ބިރު ދެއްކުމާއި ފުރުއްސާރައިގެ އިތުރުން އަނިޔާވެރިކަމުގެ އަމަލުތަކަށް،" އައިފްޖޭއިން ބުންޏެވެ.
މީގެ އިތުރުން، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަހުމަދު ނާއިފަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެކަމުގައި ޝާމިލުވާ މީހުންނަށް ދައުވާކުރަން އެ ޖަމިއްޔާއިން ގޮވާލި އެވެ.
މީޑިއާ ކޮންޓްރޯލް ގާނޫނުގެ މަސައްކަތް މަޖިލީހުގައި އޮތްއިރު ވެސް އައިއެފްޖޭއިން ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެ އެވެ. ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާނުކޮށް އެ ގާނޫނު ތަސްދީގުކޮށް، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ރެގިއުލޭޓަރީ ކޮމިޝަނެއްގެ ދަށުން މީޑިއާތަައް ރެގިއުލޭޓުކުރަން ދޫކޮށްލުމުގެ ނަތީޖާއަކަށް ވަނީ، ނޫސްވެރިކަން ހަރުދަނާކޮށް ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ އަސާސީ ހަމަ ގެއްލުން ކަމަށް އައިއެފްޖޭއިން އޭރު ވެސް ބުނެފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރުގައި މި ގާނޫނު ތަސްދީގު ކުރުމާ އެކު ބްރޯޑްކޮމް އާއި އެމްއެމްސީ އުވުނުއިރު، މީޑިއާގެ ކަންކަން މިހާރު ބަލަހައްޓަމުންދަނީ ސަރުކާރުގެ ކޮންޓްރޯލު އޮންނަ ކޮމިޝަނަކުންނެވެ.
އަރިޖީތުގެ މިސްރާބު ސިޔާސީ ދާއިރާއަށް؟
ބީއެލްއެލްގެ އަގުހެޔޮ ފްލެޓުތައް 2028 ގައި ދޫކުރާނެ
ހަގު އުމުރުގައި ދަރިމައިވާންވީ ގިނަ ސަބަބުތަކެއް!