ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ސީޒަން 2 ލޯންޗްކޮށްފި އެވެ.

ޑީޖީޖީގެ ސީސަން ލޯންޗް ކުރުމަށް ރޭ ބޭއްވި އިވެންޓްގައި މި އަހަރަށް ރާވައިފައިވާ މުބާރާތްތަކާއި، ގޭމިންގ ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި މީގެ އިތުރުން އެކި ގޭމިންގ ހަރަކާތްތައް ކުރިއަށްދިޔައިރު، 'ފެންފުޅި' ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތަކުން މި އިވެންޓް އިތުރަށް ފުރިހަމަވެގެން ގޮސްފައިވެ އެވެ.

މިދިޔަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. މި ގޮތުން 11,000އަށްވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓްރީވެފައިވާއިރު، ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި، ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ވަނީ ދީފަ އެވެ.

މީގެ އިތުރުން، ގިވްއަވޭގެ ގޮތުގައި ޖުމްލަ 150,000 ރުފިޔާގެ އަގުހުރި އިނާމުތައް ވަނީ ދީފަ އެވެ. ވޭތުވެ ދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އޮގަސްޓް މަހު ބޭއްވި، ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ގޭމިންގ ހަރަކާތް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓްއެވެ. މި ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ވާދަވެރި ގޭމިންގ މާހައުލެއް ބިނާކުރުމަށް ޑީޖީޖީއިން ކުރާ މަސައްކަތްތަކުގެ ހެކިތަކެވެ.

ޑީޖީޖީގެ އަމާޒަކީ 2026 ވަނަ އަހަރު ގޭމިން ކޮމިއުނިޓީ އިތުރު އާ އުސްމިންތަކަކަށް ގެންގޮސްދިނުމެވެ. މީގެ ތެރޭގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މުބާރާތްތައް ބޭއްވުމާއި، ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް ބޭއްވުން ހިމެނެ އެވެ. މި ރަސްމިއްޔާތުގައި ޑީޖީޖީގެ "ލީޑަރބޯޑްސް" ތައާރަފުކޮށް، މި އަހަރުގެ ތެރޭގައި "ގިލްޑް ފީޗަރސް" ތައާރަފް ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ. މީގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވާދަވެރި ރޫހު އިތުރުވެގެންދާނެ އެވެ.

މި ހަފުލާގައި، ރާއްޖޭގެ އީ-ގޭމިންގ ދާއިރާ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑީޖީޖީގެ ޕަރޓްނަރުން އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ އަރުވައިފައެވެ. މި ގޮތުން، ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސަރ "މިނީސޯ"، އެލީޓް ޕާޓްނަރުން ކަމަށްވާ "ވިލާ މާޓް"، "މެގަޗިޕް" އަދި "ޝީޝާ" އަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ ބާރުވެރިކުރުވުމަށް ޑީޖީޖީއަށް އެހީތެރިކަން ފޯރުކޮށްދީ މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތްތަކެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިންގ ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހިރާއްޖޭގެ ގޭމިންގް ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި، 'ޑީޖީޖީ' އިން ދަނީ ނަމޫނާ ދައްކަމުންނެވެ.

އިތުރު މައުލޫމާތުތައް dgg.mv ގެ ޒަރިއްޔާއިން އިއުލާން ކުރާނެ އެވެ.