މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު، އޭއައި އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ މިއީ ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެކު، ސަރުކާރުން ފައްޓަވާފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެެއް ކަމަށެވެ. އަދި މި ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށާއި، އާންމު ހިދުމަތްތައް ދިނުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އަ.އި) އާއި ޑޭޓާގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާތީޖީ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ސެންޓަރަކީ ދައުލަތުގެ އިދާރާތަކަށާއި އިގްތިސާދީ މުހިންމު ދާއިރާތަކަށް ރައްކާތެރި އަދި ޒިންމާދާރު ގޮތެއްގައި ޑޭޓާ އާއި އޭއައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ގައުމީ ވަސީލަތެކެވެ. އަދި މި ސެންޓަރުގެ މައިގަނޑު އަމާޒަކީ ގައުމުގެ ތަރައްގީގައި އިސްކަންދޭ ކަންތައްތައް ހާސިލްކުރުމަށްޓަކައި އާންމު ޚިދުމަތްތައް ރަނގަޅުކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ވިލުންތެރި އިގްތިސާދެއް ބިނާ ކުރުމަށް ބޭނުންވާ ހައްލުތައް ހޯދައިދިނުން ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ސަރުކާރުގެ އެކި ދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށްޓަކައި، އޭއައި އަދި ޑޭޓާ ޓޫލްސްތައް އުފެއްދުމުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާއަށް ދައުވަތު ހުޅުވާލާ އެފަރާތްތަކާ ގުޅިގެން މިސެންޓަރުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ ޓެކްނޮލޮޖީ ކުންފުނިތަކާއި، އަލަށް ފަށާ ވިޔަފާރިތަކާއި، މި ދާއިރާގެ މާހިރުންނާއެކު ރޭވުންތެރިކަމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާ އީޖާދުތަކާއި ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް މިސެންޓަރުން މަސައްކަތް ކުރާނެ އެ ބޭންކުން ބުނެ އެވެ.
އެއާއެކު، ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ، ރައްކާތެރި، އަދި ފުޅާކުރެވޭނެ ފަދަ ހައްލުތަކެއް މި މަރުކަޒުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
އެ ބޭންކުން ބުނީ މި ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް މައިންޑްކޯ އިން އިސްވެ ކުރިއަށްގެންދާއިރު ބީއެމްއެލް އިން މި މަޝްރޫއުގައި ބައިވެރިވަނީ، ސެންޓަރު ފެށުމުގެ މަރުހަލާގައި އެހީތެރިވެދޭނެ ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އަދި ބީއެމްއެލްއިން މި މަޝްރޫއުގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ ގައުމުގެ ޑިޖިޓަލް އަދި މާލީ ނިޒާމު ކުރިއެރުވުމަށާއި އާންމު ޚިދުމަތްތައްދިނުން ޒަމާނީ ކުރުމަށް ކުރެވޭ ގައުމީ މަސައްކަތްތަކަށް އެ ބޭންކުންދޭ އަހުމިއްޔަތު ކަން ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ގައުމުގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްގެ ތަޖުރިބާ ހުރި ދާއިރާތައް ކަމަށްވާ ޑިޖިޓަލް ޕޭމެންޓް، ފައިނޭންޝަލް ޓެކްނޮލަޖީ، ޑޭޓާ އާއި އޭއައި ބޭނުންކުރުމުގައި ހޯދަމުންދާ ތަޖުރިބާ، މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމުގައި އެހީތެރިވެދޭނެ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ މާލީ ދާއިރާގެ ތަޖުރިބާ އާއި ޕްރެކްޓިކަލް އިންސައިޓްސް އަދި ޑިޖިޓަލް ގޮތުން ހޯދާފައިވާ ގާބިލުކަން ބޭނުންކޮށްގެން އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް ހަރުދަނާކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޑޭޓާގެ މައްޗަށް ބިނާކޮށް ފުރިހަމަ ނިންމުންތައް ނިންމަން ސަރުކާރުގެ އިދާރާތަކަށް ފަސޭހަވެގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ މާލީ އަދި ޕޭމެންޓްގެ ނިޒާމަށް މިހާރުވެސް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގަމުންދާ މަޝްރޫއުތަކާއި، ރާއްޖޭގައި ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ޑިޖިޓަލް މާލީ އޮނިގަނޑު އެއް މިސްރާބަކަށް ގެނެސް، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
"ރައްކާތެރި ޑިޖިޓަލް ވަސީލަތްތަކާއި ޕޭމަންޓް ސިސްޓަމްތައް ބޭނުންކޮށްގެން ޚިދުމަތްތައް ދިނުން ފަދަ މަސއްކަތްތަކުން ބީއެމްއެލްއިން ހޯދާފައިވާ ތަޖުރިބާ ބޭނުންކޮށްގެން މި ސެންޓަރުގެ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަކީ މި ސެންޓަރުގެ އެންމެ ބޮޑު އަމާޒު. މި އެއްބަސްވުމަކީ ޑޭޓާ އާއި އޭއައިގެ ދާއިރާއިން ގައުމީ ގާބިލްކަން އިތުރުކުރުމަށާއި މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ ހުނަރުވެރި، މަސައްކަތްތެރި އާބާދީއެއް ބިނާ ކުރުމަށް ބީއެމްއެލް އާއި މައިންޑްކޯ އިންދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެއް. މީގެ އިތުރުން، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އަދި މުޅި ގައުމުގެ އިގުތިސާދަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ މި ގުޅުމުގެ މުހިންމު އެއް އަމާޒު،" ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ފިޔަވަހިތަކަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސެންޓަރުގެ މަސައްކަތް އަންނަ އެޕްރީލް މަހު ފަށާނެ އެވެ. އަދި މި މަޝްރޫއާ ގުޅޭ ތަފްސީލްތައް ކުރިއަށް އޮތްތަނުގައި ހާމަކުރަމުންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ގުދުރަތީ ގޮތުން ވެސް ބުމަ ރީތި ކުރެވިދާނެ!
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
