އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަކީ ދައުލަތުގެ ހުރިހާ ބަހާތަކެއްގައި އަދުލުވެރިކަން ގާއިމް ކުރެވޭކަން ކަށަވަރުކޮށް، އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބުކުރެވިފައިވާ ބާރަކަށް ވާންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގަޟާއީ އަހަރު 2026 އިފްތިތާހްކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ މަތިވެރި އަސާސްތަކާއި އިސްލާމީ ޝަރީއަތާއި ފުށުނާރާ ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ބާރުތައް ވަކިކުރެވިފައިވާ ދައުލަތެއްކަން ގާނޫނުއަސާސީން ސާފުވާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ.

މީގެ އިތުރުން މި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތުގެ އެންމެ މުހިންމު އެއް ތަނބަކީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުކަމާއިމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދިވެހި ފަނޑިޔާރުގެއަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ތިބެ މަސައްކަތް ކުރެވޭނެ މިނިވަން މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ވާންޖެހޭ ކަމަށެވެ.

ގާނޫނުއަސާސީން މި މިނިވަންކަން ކަށަވަރުކޮށްދިނުމުގެ މަގްސަދަކީ ދައުލަތުގެ ދީނާއި ގާނޫނީ ވެރިކަން ހިމާޔަތްކުރުމާއި، ރައްޔިތުންގެ ހައްގުތަކާއި އިޖްތިމާއީ އަދުލުވެރިކަން ގާއިމްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދިގު މާޒީއެއްގައި މި ދާއިރާއަށް ދޭންޖެހޭ ސަމާލުކަން ނުދެވި އޮތުމުގެ ސަބަބުން ކުރިމަތިވި ހުރަސްތައް މިހާރު ހިރާސްތަކަކަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ޝަރުއީ ދާއިރާގެ ބަޖެޓުގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަކީ މި ދާއިރާގެ ތާރީހުގައި ހާސިލްކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާގެ މުއައްޒަފުންގެ މުސާރަ 2025 ނޮވެމްބަރުގެ ނިޔަލަށް މުރާޖާ ނުކުރެވި އޮތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ އިޝާރާތް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މުސާރަ ކުޑަވުމަކީ އިލްމީ ގާބިލް މީހުން ކޯޓުތަކުގެ ވަޒީފާގައި ހިފެހެއްޓުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެހެންނަމަވެސް، ރައީސްގެ ނިންމެވުމާއެކު މިނިވަން ނަޒާހަތްތެރި ފަނޑިޔާރުގޭގެ ތަސައްވުރު ހަގީގަތަކަށް ވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އުންމީދު ކުރައްވަ އެވެ.