އެމެރިކާގެ ސިޔާސީ މައިދާނުގައި އަދަބުވެރިކަމާއި ލަދުހަޔާތް ކުޑަވަމުންދާ ދިއުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އޮބާމާ މިފަދައިން ވިދާޅުވީ، ޑޮނަލްޑް ޓްރަމްޕްގެ ސޯޝަލް މީޑިއާ އެކައުންޓުން އާންމުކުރި ވީޑިއޯއެއްގައި އޭނާއާއި އަނބިކަނބަލުން މިޝޭލް އޮބާމާ ރާމާމަކުނުތަކެއްގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލައަށް ފުރަތަމަ ފަހަރަށް ރައްދުދެއްވަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' އެކައުންޓުން ހިއްސާކުރި މި ވީޑިއޯއާ ގުޅިގެން އެމެރިކާގެ ސިޔާސީ މަޝްރަހުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްއިން ފުރަތަމަ އެކަން ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް ފަހުން އެއީ މުވައްޒަފަކަށް އޮޅިގެން ކުރެވުނު ކަމެއް ކަމަށް ބުނެ، އެ ވީޑިއޯ ވަނީ ނަގާފަ އެވެ.
އެއް މިނެޓުގެ މި ވީޑިއޯއަކީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ޓްރަމްޕް ބަލިވީ މަކަރާއި ހީލަތުން ކަމަށް ބުނާ ހިޔާލީ ވާހަކަތަކެއް ފެތުރުމަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯގެ ނިމޭކޮޅުގައި، އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރައީސްކަން ކުރެއްވި ކަޅު ނަސްލުގެ ބޭފުޅާ ކަމަށްވާ އޮބާމާއާއި އޭނާގެ އަނބިކަނބަލުންގެ މޫނު، ރާމާމަކުނުތަކެއްގެ ހަށިގަނޑުގައި ޖަހާފައިވާ މަންޒަރެއް ސިކުންތެއްހާއިރަށް ފެނެ އެވެ.
މިކަމާ ގުޅޭގޮތުން އޮބާމާ ފުރަތަމަ ފަހަރަށް ވާހަކަދެއްކެވީ ބްރަޔަން ޓައިލާ ކޯހެންގެ ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ކޯހެން ބުނީ، ސިޔާސީ ބަހުސްތައް ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އިހާނެތި ދަރަޖައަކަށް ވެއްޓިފައިވާ ކަމަށާއި، ޓްރަމްޕް އޮބާމާގެ މޫނު ރާމާމަކުނެއްގެ ހަށިގަނޑުގައި ޖަހާފައިވާ ފޮޓޯއެއް އާންމުކުރުމަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި މިފަދަ ހާލަތަކުން އަރައިގަނެވޭނީ ކިހިނެއްތޯ އޭނާ ސުވާލުކުރި އެވެ.
ޓްރަމްޕްގެ ނަން ސީދާ ވިދާޅުނުވެ އޮބާމާ ވިދާޅުވީ، ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން މިފަދަ އަމަލުތަކާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
" ކުރިން ސިޔާސީ މަގާމުތަކުގެ ގަދަރާއި އިއްޒަތް ހިފަހައްޓަން ޖެހޭނެ ކަމަށް ގަބޫލުކުރި މީހުންގެ ކިބައިގައިވެސް މިހާރު އެއްވެސް ކަހަލަ ލަދުހަޔާތެއް ނެތް ކަން މިވަނީ ހާމަވެފައި. އެ އަދަބުވެރިކަން މިހާރު ވަނީ ގެއްލިފައި،" އޮބާމާ ވިދާޅުވި އެވެ.
މީގެ އިތުރުން، އޮބާމާ ލަފާކުރެއްވި ގޮތުގައި މިފަދަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ނޭދެވޭ އަސަރު ކުރާނެ އެވެ. އަދި އެންމެ ފަހު ބަސް ބުނާނީ އެމެރިކާގެ ރައްޔިތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ވީޑިއޯގައި ބުނާ ވާހަކަތަކަށް އޭނާ ތާއީދުކުރާ ކަމަށެވެ. ނަމަވެސް ވީޑިއޯގެ ނިމުމުގައި ހިމެނޭ މަންޒަރު އޭނާއަށް ފެނިފައިނުވާ ކަމަށް ޓްރަމްޕް ބުންޏެވެ.
މާދަމާރޭ ބާއްވަނީ 2024ގެ ސްޕޯޓްސް އެވޯޑް: ކުޅިވަރު މިނިސްޓްރީ
އީރާނުގައި ހިނގި މުޒާހަރާތައް ތަހުގީގު ކުރަން ކޮމިޝަނެއް