މާލޭގައި އެންމެ ކުރިން އެޅި ފްލެޓްތަކުގެ ތެރޭގައި ހިމެނޭ ސިނަމާލެ އާއި މާލެ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެ ގޮތަށް ނިންމެވީ އެ ދެ ފްލެޓުގައި ދިރިއުޅޭ މީހުންނާ އެކު، މުލީއާގޭގައި ރޭ ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ރައީސް އޮފީހުން ބުނީ ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
ފްލެޓުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ރައީސް ނިންމެވި އުސޫލުތަކުގެ ތެރޭގައި މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދިނުމާއި ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދިނުން ހިމެނެ އެވެ.
އެ އިނާޔަތް ދޭއިރު ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ކުޑަ ނަމަ އެ އަދަދެއް މާފު ކުރުމަށް ފަހު، އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރުމަށް ވަނީ ނިންމާފަ އެވެ.
ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ، ރޫޅެމުންދާތީ ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުން އެ އިމާރާތްތައް އަލުން ބިނާ ކުރުމަށް މި ސަރުކާރުން ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކުރައްވާފަ އެވެ. ނަމަވެސް މިހާތަނަށް އެކަމަށް އަމަލީ ސިފައެއް އައިސްފައިނު ވެއެވެ.
ކުޅިވަރު ތަރައްގީއަށް ބީއެމްއެލުން ކުރާ މަސައްކަތަށް އެވޯޑެއް