މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ޓްރީ ޓޮޕް ހޮސްޕިޓަލާއި ޓީޓީއެޗް ކްލިނިކްގެ އައުޓްޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) އާއި އެހެނިހެން ހިދުމަތްތައް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މި ބަދަލަކީ ރަމަޟާން މަހުގެ ތެރޭގައި ބަލިމީހުންނާއި އާއިލާތަކަށް ފަސޭހަކަމާއެކު އިތުބާރު ހުރި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގެނެވުނު ބަދަލެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އޯޕީޑީ އަދި ޑައިގްނޯސްޓިކް ހިދުމަތްތައް

ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، އޯޕީޑީ، ރޭޑިއޮލޮޖީ، ރިހެބިލިޓޭޝަން، ޑައިގްނޯސްޓިކްސް، ލެބޯޓްރީ އަދި މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކް ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ތަންތަނުގެ ހިދުމަތް ލިބޭނީ ހެނދުނު 10:00 އިން މެންދުރުފަހު 15:00 އަށް އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ހުކުރު ދުވަހު މި ޑިޕާޓްމަންޓްތައް ބަންދުވާނެ އެވެ.

ފެމިލީ ކްލިނިކާއި ޑަޔަލިސިސްގެ ގަޑިތައް

ޓްރީ ޓޮޕްގެ ފެމިލީ ކްލިނިކް ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 10:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:30 އިން މެންދަމު 00:00 އަށް ހުޅުވިފައި ހުންނާނެއެވެ. މީގެ އިތުރުން ޑަޔަލިސިސް ހިދުމަތް ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 08:00 އިން ހަވީރު 17:00 އަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

އިމަޖެންސީ ހިދުމަތް

ގަޑިތަކަށް ބަދަލު އައި ނަމަވެސް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ގެ ހިދުމަތް އެއްވެސް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ލިބެމުންދާނެއެވެ. މިއީ ކުއްލި ހާލަތްތަކުގައި ބަލިމީހުންނަށް ބޭނުންވާ ފަރުވާ މެދުނުކެނޑި ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކަށަވަރުކޮށްދޭ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އައު ހިދުމަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކުރަމުންދާ އިސް މުއައްސަސާއެކެވެ. އެ ހޮސްޕިޓަލުގެ މަގްސަދަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ސިއްހީ ހިދުމަތުގެ ހަރަދު ކުޑަކުރުމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ހޮސްޕިޓަލުން އެދެ އެވެ.