އެސްއެމްއީ ޑިޖިޓަލް އަކީ ޝަރީއާ ހަމަތަކަށް ފެތޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އަމާޒުގެ ދަށުން، އެކުންފުނިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި މަސައްކަތުގެ ފުރަތަމަ މަރުހަލާގައި އިސްކަންދީފައިވަނީ، އެކި ސަބަބުތަކާހުރެ ކުރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. މިގޮތުން، ގިނަ ފަރާތްތަކެއްގެ ލޯނުތައް މިހާރު ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކަކަށް ބަދަލުކޮށްދީފަ އެވެ.
މިއަދު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލި މި ފުރުސަތުގެ ދަށުން، ފެސިލިޓީތައް އަލުން ތަރުތީބުކޮށް، މަހުން މަހަށް ދައްކަން ޖެހޭ އަދަދު އަދި ފައިސާ ދައްކާ ހަލާސްކުރުމުގެ މުއްދަތު އިތުރުކުރުން ފަދަ ލުއިތައް ލިބިގެންދާނެ އެވެ. މީގެ އިތުރުން، ގަވާއިދުން ފައިސާ ނުދެއްކި ހުރި ފެސިލިޓީތައް ޝަރީއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން، އަލުން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެ އެވެ.
މިހާތަނަށް އިސްލާމިކް ފައިނޭންސިން އަށް ބަދަލުކުރުމުގެ އޮފާ ލިބިފައިނުވާ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލްއިން ރީފައިނޭންސިން އޮފާ މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޮނުވަން ފަށާފައި އެވެ. ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރަށް ލިބިފައިވާ އޮފާ ގަބޫލުކުރުމުންނެވެ. އޮފާ ފޮނުވުމަށްފަހު، ފެސިލިޓީއަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައިގެން ހިއްސާކުރާނެ އެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިދިޔަ އޮކްޓޫބަރުގައި މި މަސައްކަތުގެ ފުރަތަމަ މަރުހަލާ ފަށާ ކާމިޔާބުކަމާއެކު ވަނީ ކުރިއަށްގެންދެވިފައި ކަމަށެވެ.
"އެސްއެމްއީ ޑިޖިޓަލްގެއަމާޒަކީ މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް އިސްލާމިކް އުސޫލުތަކުގެ ތެރެއިން ފައިނޭންސިން ކޮންޓްރެކްޓްތައް ބޭނުންކޮށްގެން ޝަރިޢާ ހަމަތަކުގެ މަތިން ދޫކުރާ ފެސިލިޓީތަކަށް ހެދުން، އަދި ވީހާވެސް އަވަހަކަށް އިސްލާމިކް ފައިނޭންސިންގ އިންޓިޓިއުޝަން އަކަށް ބަދަލުވުން. އަދި މި ބަދަލުގެ ތެރޭގައި ކަސްޓަމަރުންނަށްވެސް ވީހާވެސް ލުއިފަސޭހަ ފުރުސަތުތަކެއް ގެނެސްދިނުން"
ކަސްޓަމަރުންނަށް ފޮނުވާފައިވާ އޮފާގެ ތަފްސީލުތައް ބައްލަވައި، އެ އޮފާ ގަބޫލުކުރެއްވުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އެވެ.
'ރޯދަ ރައިޑް' ޕްރޮމޯޝަން މޮޓޯއެކްސްއިން ފަށައިފި
ސައުދީއަށް ހަނދު ފެނިއްޖެ
