މި ރޯދަމަހަށް މިހާތަނަށް 15 މިސްކިތެއް ހުޅުވައިފައިވާ ކަމަށާއި، އަދިވެސް މި ރޯދަމަހު އިތުރު ބައެއް މިސްކިތްތަކާއި އެކު ޖުމްލަ 19 މިސްކިތެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ, ރޯދަ މަހަށް ސަލްމާން މިސްކިތުގެ އޭސީ މައްސަލަ ހައްލުކޮށް، 15 މިސްކިތް ހުޅުވައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ރޯދަ މަސް ތެރޭ ވެސް ބައެއް މިސްކިތް ހުޅުވާނެ ކަމަށާއި، ޖުމްލަ 19 މިސްކިތް ހުޅުވާނެ ކަމަށެވެ. އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން، މާލޭގައި 800 މީހުންނަށް ވުރެ ގިނަ މީހުން ނަމާދުކުރާ މިސްކިތްތަކުގެ، ފިރިހެނުންނާއި އަންހެނުންގެ ނަމާދުކުރާ ބައިތައް އޭސީކޮށް ނިންމައިފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ. އެ މަސައްކަތް ރޯދަމަހަށް ނިންމާނެ ކަމަށް، މި އަހަރު ރައީސް ޑރ. މުހައްމަަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ޝަހީމް ވަނީ، މި ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށާއި، އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ހަމައެއާއެކު، މާލެ ސިޓީގައި 24 މިސްކިތެެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށާއި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ރޯދަަމަހުގެ ތިން ވަނަ ހުކުރުގައި ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ވެސް ޒުވާނުން އިމާމުވެ ނަމާދު ކުރާނެކަން ޝަހީމް ފާހަގަކުރެއްވި އެވެ.

ފުތަޔަމަ ރޯދަ ދުވަހު ރައީސް ވަނީ، މާލޭގެ މަޖީދީމަގާއި ރަށްދެބައިމަގު ގުޅޭ ކަންމަތީގައި އިމާރާތްކޮށްފައިވާ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް ހުޅުއްވައިދެއްވައިފަ އެވެ.

އަމިއްލަ ފަރާތެއްގެ ދީލަތި އެހީއެއްގެ ދަށުން ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެ މިސްކިތަކީ 1،400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.