އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސުޕްރީމް ކޯޓުން ބާތިލްކުރި ޓެރިފްތަކުގެ ބަދަލުގައި، ދުނިޔޭގެ ހުރިހާ ގައުމަކުން އެތެރެކުރާ މުދަލުން 150 ދުވަހުގެ މުއްދަތަށް 10 އިންސައްތައިގެ ވަގުތީ ޓެރިފެއް ނެގުމަށް ހުކުރު ދުވަހު ނިންމަވައިފި އެވެ.
މީގެ އިތުރުން، ކުރިން ނަގަމުންދިޔަ ޓެރިފްތައް އަލުން އިއާދަކުރުމުގެ މަގުފަހިކުރުމަށްޓަކައި އެހެން ގާނޫނުތަކުގެ ދަށުން އާ ތަހުގީގުތަކެއް ހިންގުމަށްވެސް ޓްރަމްޕް ވަނީ އަމުރުކުރައްވާފަ އެވެ.
ޓްރަމްޕް އެކި ޤައުމުތަކުން އެތެރެކުރާ މުދަލުން ނެގުމަށް ކަނޑައަޅުއްވާފައިވާ ބޮޑެތި ޓެރިފްތަކަކީ ޤާނޫނީ ގޮތުން ނެގޭނެ ޓެރިފްތަކެއް ނޫން ކަމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ނިންމާފައިވަނީ ހުކުރު ދުވަހު އެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާތުންގެ ތެރެއިން ހަ ފަނޑިޔާރުންގެ ރައުޔަކީ ޤައުމުތަކުން އެތެރެކުރާ މުދަލުން އެ ފަދަ ޓެރިފެއް ނެގުމަކީ ރައީސްގެ ހައިސިއްޔަތުން ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށެވެ. އެ ޓެރިފްތައް ކަނޑައަޅާފައި ވަނީ އިންޓަނޭޝަަނަލް އެމަޖެންޖީ އެކޮނޮމިކް ޕަވަރސް އެކްޓް (އައިއީއީޕީއޭ)ގެ ދަށުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނީ 1977ވަނަ އަހަރުގެ މި ޤާނޫނުގެ ދަށުން ރައީސްއަކަށް އެ ގޮތަށް ޓެރިފް ކަނޑަނޭޅޭނެ ކަމަށާއި، ޓެކްސްއާއި ޓެރިފް ކަނޑައެޅޭނީ ހަމަ އެކަނި ޤާނޫނު ހަދާ މަޖިލީހަށް ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ޓްރަމްޕް ސޮއިކުރެއްވި ރިޔާސީ ގަރާރުތަކުގެ ދަށުން، އަންގާރަ ދުވަހުން ފެށިގެން 1974 ވަނަ އަހަރުގެ ޓްރޭޑް އެކްޓްގެ 122 ވަނަ މާއްދާގެ ދަށުން އާ ޓެރިފްތައް ނަގަން ފަށާނެ އެވެ. މިއީ 1977 ވަނަ އަހަރުގެ އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވަރސް އެކްޓްގެ ދަށުން ނަގަމުންދިޔަ 10 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ޓެރިފްތައް އެމެރިކާގެ ސުޕްރީމް ކޯޓުން ޣައިރު ގާނޫނީ ކަމަށް ނިންމުމާ ގުޅިގެން، އޭގެ ބަދަލުގައި އެޅި ފިޔަވަޅެކެވެ.
މި އާ އަމުރުތަކުގައިވެސް ބައެއް ބާވަތްތައް ވަނީ ޓެރިފުން އިސްތިސްނާކޮށްފަ އެވެ. އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރާ ގުޅޭ އުފެއްދުންތަކާއި، ކާރުތަކާއި، ބައެއް ކަހަލަ ލޮރީތަކުގެ އިތުރުން، އެމެރިކާ-މެކްސިކޯ-ކެނެޑާ ވިޔަފާރި އެއްބަސްވުމާ އެއްގޮތަށް އެތެރެކުރާ މުދަލާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި، ބައެއް މުހިންމު މައުދަނުތަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހިމެނެ އެވެ.
ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، އަލަށް ތައާރަފްކުރި 10 އިންސައްތައިގެ ޓެރިފާއި، ގާނޫނުގެ އެހެން މާއްދާތަކުގެ ދަށުން އިތުރުކުރެވޭ ޓެރިފްތަކުގެ ސަބަބުން، 2026 ވަނަ އަހަރު ލިބޭ އާމްދަނީއަށް މާ ބޮޑު ބަދަލެއް ނާންނާނެ އެވެ. އޭނާ ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ވިޔަފާރީގެ ބައިވެރިންނާއެކު މަޝްވަރާކުރުމުގައި ޓްރަމްޕަށް އޮތް ބާރު ކުޑަވި ނަމަވެސް، ކުރިން އޮތް މިންވަރަށް ޓެރިފްތައް އަލުން އިއާދަކުރެވޭނެ ކަމަށެވެ.
މީގެ ކުރިން ބޭނުންކޮށްފައިނުވާ 122 ވަނަ މާއްދާގެ ދަށުން، އެމެރިކާގެ ބޭލަންސް އޮފް ޕޭމަންޓްސްއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، ކޮންމެ ގައުމަކުންވެސް އެތެރެކުރާ މުދަލުން 15 އިންސައްތައާ ހަމައަށް 150 ދުވަހުގެ މުއްދަތަށް ޓެރިފް ނެގުމުގެ ބާރު ރައީސަށް ލިބިގެންވެއެވެ. މިއީ އެއްވެސް ތަހުގީގަކާ ނުލައި ކުރެވިދާނެ ކަމެކެވެ. ނަމަވެސް 150 ދުވަހަށްވުރެ އިތުރުކުރަން ބޭނުންވާނަމަ ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާގެ އަތުގައި އިތުރު ފުރުސަތުތަކާއި ވަސީލަތްތައް އެބަހުއްޓެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ގައުމަށް ލިބޭ އާމްދަނީ އިތުރުވެ، ގައުމު އިތުރަށް ވަރުގަދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، އެހެން ގައުމުތަކާއި ކުންފުނިތަކުން ކުރާ ބޭއިންސާފު ވިޔަފާރީގެ މުއާމަލާތްތަކުން ގައުމު ހިމާޔަތްކުރުމަށްޓަކައި، ވަކިވަކި ގައުމުތަކަށް އަމާޒުކޮށްގެން އާ ތަހުގީގުތަކެއް ފެށުމަށްވެސް ޓްރަމްޕް ވަނީ އަމުރުކުރައްވާފަ އެވެ. އެމެރިކާގެ ވިޔަފާރިއަށް ހުރަސްއަޅާ ތަފާތުކުރުންތަކާއި ސިޔާސަތުތައް ދެނެގަތުމަށް ޔޫ.އެސް ޓްރޭޑް ރެޕްރެޒެންޓޭޓިވް (ޔޫ.އެސް.ޓީ.އާރް) އަށް ވަނީ އަންގާފަ އެވެ.
ޔޫ.އެސް.ޓީ.އާރް އިން މިހާރުވެސް ޗައިނާއާއި ބްރެޒިލާ ގުޅޭ ތަހުގީގުތައް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް ތަނުގައި ވިއެޓްނާމާއި ކެނެޑާ ފަދަ ގައުމުތައްވެސް މި ލިސްޓަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުން ނަގާ ޓެރިފް މިއަށްވުރެ ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ވޭތުވެދިޔަ އަހަރު ޓެރިފްގެ ގޮތުގައި ނަގާފައިވާ ގާތްގަނޑަކަށް 175 ބިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހިދާނެ ކަމަށް އިގްތިސާދީ މާހިރުން އަންދާޒާކުރެ އެވެ. މިއީ ކުރިއަށް އޮތް ތަނުގައި ގާނޫނީ ގޮތުން ބޮޑެތި ބަހުސްތަކެއް ހިނގާނެ ކަމެއް ކަމަށް ބެލެވެއެވެ.
ކުޑަކުދިންގެ އޮރިޔާން ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހަކު ހައްޔަރު
ސުވާލާއި ޖަވާބު: ރޯދައަށް ހުރެ ނިޔަފަތި ކެނޑޭނެތަ؟
ރޯދައަށް ހުރެ ގިނައިން ނިދުމުން ގެއްލުންވޭ؟