ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއަށް 2016 ވަނަ އަހަރު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓާ ގުޅުންހުރި ބޮޑެތި އިމާރާތްތަކެއް ގަނެލުމުގެ ފުރުސަތު ހުށަހަޅާފައިވާ ކަން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި އީމެއިލްތަކަކުން ހާމަވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ އައިޓީވީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އިމާރާތަކީ ޕެންޓަގަންއާ އެއް މޭލު ދުރުގައި ހުންނަ، އެމެރިކާގެ ދިފާއީ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

ވާޖިނިއާގެ އާލިންގްޓަންގައި ހުންނަ މި ކޮމްޕްލެކްސް ގަތުމަށް ހުށަހަޅާފައި ވަނީ ގާތްގަނޑަކަށް 116 މިލިއަން ޑޮލަރަށެވެ. މި މުއާމަލާތް ނިމުނުނަމަ، އެޕްސްޓީން ވެގެންދާނީ އެމެރިކާ ސަރުކާރުގެ ކުއްޔަށްދޭ ފަރާތަކަށެވެ. ނަމަވެސް މި މުއާމަލާތް ކުރިއަށް ދިޔަކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.

ނަމަވެސް، ޖިންސީ ކުށްވެރިއަކަށް މިފަދަ މުހިންމު ތަނެއްގެ މިލްކުވެރިކަން ލިބުމުގެ ފުރުސަތު އޮތުމުން ސަލާމަތީ ގޮތުން ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާއާ އޮތް ގުޅުން އާންމުކުރި ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އެފްބީއައިގެ އިންފޯމަންޓަކު ލިޔެފައިވާ މެމޯއެއްގައި ބުނެފައިވަނީ އެޕްސްޓީންއަކީ އިޒްރޭލަށް މަސައްކަތްކުރާ "މޮސާޑް އެޖެންޓެއް" ކަމަށެވެ.

"އެޕްސްޓީންއަކީ އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރާކްއާ ގާތް ގުޅުމެއް އޮތް މީހެއް ކަމަށާއި، އޭނާގެ ދަށުން ޖާސޫސީ ތަމްރީނު ހޯދާފައިވާ މީހެއް ކަމަށް ވެސް އެ މެމޯގައި ބަޔާންކޮށްފައިވެ އެވެ.

އެޕްސްޓީން އާއި އިޒްރޭލުގެ އިސްވެރިންނާ ދެމެދު އޮތް ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ފާހަގަވެފަ އެވެ. އޭނާ ވަނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އެހީތެރިވާ ޖަމިއްޔާތަކަށާއި ޔަހޫދީ ވަޒަންވެރިންގެ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އިހޫދު ބަރާކް ވަނީ 2013 އާއި 2017 އާ ދެމެދު 30 އަށް ވުރެ ގިނަ ފަހަރު އެޕްސްޓީންގެ ނިއުޔޯކް ގޭގެއަށް ޒިޔާރަތްކޮށްފަ އެވެ.

އެފްބީއައި އޮފީސްތަކަށް އިންވެސްޓްކުރުމުގެ ހުށަހެޅުން މީގެ އިތުރުން، 2015 ވަނަ އަހަރު ރިޗްމަންޑް އަދި ބަލްޓިމޯރްގައި ހުންނަ އެފްބީއައިގެ ފީލްޑް އޮފީސްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ވެސް އެޕްސްޓީންއަށް ވަނީ ހުށަހަޅާފަ އެވެ. މި ހުށަހެޅުންތައް އޭނާއަށް ފޮނުވާފައިވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޑޭވިޑް ސްޓާން އެވެ. ސްޓާންއަކީ އިނގިރޭސި ޝާހީ އާއިލާގެ އެންޑްރޫ މައުންޓްބެޓަން-ވިންޑްސާގެ އެހީތެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ.

މި ހުރިހާ މުއާމަލާތްތަކެއްގެ އަސްލަކީ ރިއަލް އެސްޓޭޓް އިންވެސްޓާ ޖޮނަތަން ޑީ ފަސިޓެލީ އެވެ. މި އާ ހޯދުންތަކާއެކު، އެޕްސްޓީންގެ ނުފޫޒު އެމެރިކާގެ ސަރުކާރުގެ އެންމެ މަތީ ފަންތިތަކަށާއި ސަލާމަތީ އިދާރާތަކަށް ފޯރާފައިވާ މިންވަރު ވަނީ ހާމަވެގެން ގޮސްފަ އެވެ.