ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ލުބުނާނުގެ ރައްޔިތުކަން ދިނުމާ ގުޅިގެން، އޭނާގެ ލުބުނާނު ޕާސްޕޯޓާ ހަވާލުވެއްޖެ އެވެ. މިދިޔަ ހޯމަ ދުވަހު ބޭރޫތުގައި ހުންނަ މިނިސްޓްރީ އޮފް އިންޓީރިއާގައި ބޭއްވި ބައްދަލުވުމެއްގައި އިންފަންޓީނޯ ވަނީ އޭނާގެ އާ ޕާސްޕޯޓާ ހަވާލުވެފަ އެވެ.
ލުބުނާނުގެ ރައްޔިތެއް ކަމަށްވާ ލީނާ އަލް އަޝްގަރްއާ ކައިވެނި ބައްލަވައިގެން އުޅުއްވާ އިންފަންޓީނޯއަށް ލުބުނާނުގެ ރައްޔިތުކަން ދިނުމަށް އެ ގައުމުގެ ރައީސް ޖޯސެފް އައުން ނިންމެވީ މީގެ މަސްތަކެއް ކުރިންނެވެ. ޕާސްޕޯޓާ ހަވާލުވުމަށްޓަކައި އިންފަންޓީނޯ ވަނީ މިނިސްޓްރީއަށް ވަޑައިގެން ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް، ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ މަރުހަލާ ފުރިހަމަކުރައްވާފަ އެވެ.
އާ ޕާސްޕޯޓާ ހަވާލުވުމަށްފަހު ލޯކަލް ޓީވީތަކަށް ދެއްވި ބަޔާނެއްގައި އިންފަންޓީނޯ ވިދާޅުވީ، "ލުބުނާނުގެ ޕާސްޕޯޓު ލިބުމުން އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ، އަދި ވަރަށް އުފާވޭ. އަޅުގަނޑު ލުބުނާނު ދެކެ ލޯބިވޭ،" ކަމަށެވެ. އިންފަންޓީނޯގެ އަތުގައި މިހާރުވެސް އިޓަލީ އަދި ސުވިޒަލޭންޑުގެ ރައްޔިތުކަން އޮވެ އެވެ.
ލުބުނާނުގެ ގާނޫނުތައް އޮންނަ ގޮތުން އެ ގައުމުގެ އަންހެނުންނަށް އެމީހުންގެ ބޭރު ފިރިންނާއި ދަރިންނަށް ރައްޔިތުކަން ފޯރުކޮށްދިނުމުގެ ހައްގު އާންމު އުސޫލުން ނޯވެ އެވެ. ނަމަވެސް، ރައީސް އައުން ވަނީ އިންފަންޓީނޯއަށް ޚާއްސަ އިސްތިސްނާއެއް ދެއްވައި، އޭނާއަށާއި އާއިލާއަށް ރައްޔިތުކަން ދެއްވާފަ އެވެ.
އާންމު ގޮތެއްގައި ލުބުނާނުގެ ފިރިހެނުން ބޭރު އަންހެނުންނާ ކައިވެނި ކުރުމުން، އެމީހުންގެ ދަރިންނަށް އޮޓޮމެޓިކުން ރައްޔިތުކަން ލިބެ އެވެ. އަދި ވަކި މުއްދަތެއް ވަންދެން ކައިވެނިކޮށްގެން އުޅުމުން، އެމީހުންގެ އަނބިންނަށް ވެސް ރައްޔިތުކަން ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ތަރާވީހް ނަމާދަށް 50،000 އަށްވުރެ ގިނަ މީހުން އަގްސާ މިސްކިތަށް
ރޯދައިގެ ސުވާލާއި ޖަވާބު: ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟
ރޯދަ ވީއްލާއިރު ކެއުން ގެންގުޅެން ޖެހޭނީ ކިހިނެއް؟